މާދަމާ އަދި މާދަމާ ރޭވެސް މާލެ ހިމެނޭ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މެދުރާއްޖެ ތެރެއަށް މާދަމާ މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އިރު އުތުރާއި އިރުން 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެ އެވެ.

ކަނޑުތައް ގަދަވާތީ ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރަމުންދާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އާ އަހަރަށް ހާއްސަކޮށްގެން މާދަމާރޭ ބޭއްވުމަށް ސަރުކާރުން އިންތިޒާމުކުރާ ޝޯއަށް ކާނިވާ ތައްޔާރު ކުރަނީ -- ސަންފޮޓޯ -- ފާތިމަތު ސައީދު

އާ އަހަރު ފާހަގަކުރުމަށް މާދަމާރޭ ސަރުކާރުން އިސް ނަގައިގެން މާލޭގެ ކާނިވާ ސަރަހައްދުގައި ޝޯއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. ޝޯ އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުނީ މާދަމާރޭގެ ޝޯ އަދި އޮތީ ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން އަދި އޮތީ ޝޯ ކުރިއަށް ގެންދާ ގޮތަށް. ދެން ވިއްސާރަވެއްޖެ ނަމަ އެހެންގޮތަކަށް ބަދަލުވެއްޖެއާ އަޅުގަނޑުމެން އަންގާނަން،" ޕީއެސްއެމްގެ އިންފޮމޭޝަން އޮފިސަރު އަބްދުﷲ ރަމީޒު ވިދާޅުވި އެވެ.

ާމާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އާ އަހަރުގެ ޝޯއަށް ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ރާއްޖެއަައުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހަމަ އެޝޯގައި ހުށަހެޅުންތައް ދައްކާލުމަށް އިންޑިއާގެ މަޝްހޫރު ޓީވީ ޝޯއެއް ކަމަށްވާ "ޑާންސް ޕްލަސް" އަދި "އިންޑިޔާ ގޮޓް ޓެލެންޓް" ގެ ތިން ވަނަ ސީޒަންގެ އެއްވަނަ ހޯދި ނަށާ ގްރޫޕް، "ވީ ކޮމްޕެނީ" ވެސް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.