30 Dec 2015, 14:46
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުގެ ހައިސިއްޔަތުން ރާއްޖޭގައި ކުރެއްވުނު މަސައްކަތްތަކާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް ސަފީރުކަމުގެ ދައުރު އިއްޔެ ނިންމަވައި ލެއްވި ރާޖީވް ޝަހާރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިން ފުރާވަޑައިގެންނެވުމުގެ ކުރިން މިއަދު ސޯޝަލް މީޑިއާ ފޭސްބުކްގައި، ފޮޓޯތަކެއް ޝާއިއުކުރައްވަމުން ލިއުއްވި ލިއުއްވުމެއްގައި ޝަހާރޭ ވިދާޅުވެފައި ވަނީ ރާއްޖޭގައި އޭނާ ހޭދަކުރެއްވި ދެ އަހަރާއި ނުވަ މަސް ދުވަހުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.
"... ތާރީހީ ގާތްގުޅުން އަޅުގަނޑުގެ ދައުރުގައި އިތުރަށް ބަދަހިވެފައިވާކަން ފާހަގަ ކުރުމަކީ އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. އަޅުގަނޑުގެ ޑިއުޓީގެ ދަތުރު ފާހަގަ ކުރެވޭނީ މަތީން ފެންވަރުގެ ޒިޔާރަތްކުރުންތަކުންނެވެ،" ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައި ނަގާފައިވާ ފޮޓޯތައް ޝާއިއު ކުރައްވަމުން ޝަހާރޭ ލިއުއްވާފައިވެ އެވެ.
ލިއުއްވުމުގައި ޝަހާރޭ ވިދާޅުވެފައި ވަނީ ރާއްޖޭގައި އުފެދުނު ރަހުމަތްތެރިކަމުގެ ގުޅުންތަކުގެ އަގު ވަޒަން ކުރައްވާ ކަމަށާއި ރާއްޖޭގައި ކުރެއްވި މަސައްކަތުގައި އެހީތެރިވި ދެގައުމުގެ ރަހުމަތްތެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ދެގައުމުގެ ރަހުމަތްތެރި ގުޅުމަށް ދިގު އުމުރަކަށް އެދިވަޑައިގަންނަވާ ކަމަށް ލިއުއްވުން ނިންމަވައިލައްވަމުން ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ސަފީރުކަމުގެ ދައުރު ނިމުން ރާޖީވް ޝަހާރޭ މިހާރު ވަނީ ޑެންމާކްގައި ހުންނަވާ އިންޑިއާގެ ސަފީރުކަމުގެ މަގާމަށް ހަމަޖައްސަވާފަ އެވެ. މިއަދު ރާއްޖޭން އިންޑިއާ އަށް ވަޑައިގެންނެވުމަށް ފަހު އޭނާ ވަރަށް އަވަހަށް ޑެންމާކަށް ވަޑައިގަންނަވާނެ އެވެ.