ގެވެށި އަނިޔާގެ އަމަލުތައް ހިންގުމަށް މަގުފަހިކުރުވާ ތަފާތު އެތައް ސަބަބުތަކެއް ރާއްޖޭގައި ހުރިއިރު ގެވެށި އަނިޔާގެ ޝިކާރައިން ތެރޭގައި ފިރިހެނުންނާ އަޅާބަލާއިރު މާ މަތީ މިންވަރަކަށް އަންހެނުން ހިމެނޭއިރު އެ ސަބަބުތައް ނައްތާލުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް އިހްމާލުވެފައިވާކަމަށް ވެސް ފަރީޝާ ވިދާޅުވިއެވެ.

“ޒިޔާދާ ނައީމަށް އެފަދަ އަނިޔާއެއް ލިބެން މެދުވެރިވެފައިވާ އެއް ސަބަބަކީ އޭނާގެ ފިރިމީހާ އަނިޔާ ދެމުންދާއިރުވެސް އެ އަނިޔާއާ ދުރަށް ދިޔުމުގެ ގާބިލްކަން އޭނާއަށް ލިބިފައި ނެތުމެވެ. އެއީ އޭނާއަށް އެ ގާބިލުކަން ލިބިދެވޭނެ ނިޒާމެއް މުޖްތަމައުއިންނާއި ސަރުކާރުންނާއި ޝަރުއީ ދާއިރާއިން އުފައްދައިދީފައި ނުވާތީ” ފަރީޝާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ ސަރުކާރުން ޒިޔާދާ ނައީމަށާއި އޭނާގެ ތިން ދަރިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދީ އެ ހަތަރުމައިންނަށް ހަމަޖެހުމާއެކު ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ގޮވާލާފައެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ ޒިޔާދާއަށް އިންސާފު ހޯދައިދިނުމަށް މިނިސްޓްރީގެ ބާރުގެ ދަށުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.

ހަމައެއާއެކު މުޖުތަމައުގެ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ ހައްގުތަކަށް އުނިކަންދީ އަނިޔާ ކުރާ ފަރާތްތަކަށް ގާނޫނުގެ ދަށުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށާއި އެ އަދަބު ވީހާވެސް އަވަހަކަށް އެ މީހަކަށް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ޒިޔާދާގެ އޮޓޯޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ގެންދަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޒިޔާދާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމުތުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު، 40، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު މިހާރު ވަނީ ތިން ވަނަ ފަހަރަށް އިތުރުކޮށްފަ އެވެ.