ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

ނާޒިމްގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:15 އަށެވެ. މީގެ ކުރިން ދެ އަޑުއެހުމެއް ބޭއްވި ނަމަވެސް މާދަމާގެ އަޑުއެހުން އޮތީ އާންމުކޮށް ހުޅުވާލައިގެންކަން އެނގިފައިވެ އެވެ.

އެންމެ ފަހުން ބޭއްވި ސިއްރު އަޑުއެހުމުގައި ދެމީހެއްގެ ހެކިބަސްވަނީ ނަގާފަ އެވެ. އެއީ ކެޕްޓަން އަލީ އިހުސާނުއާ ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުން ފެނުނު ދަބަހުގައި އޮތް ޕެންޑްރައިވްގެ ފޮރންސިކް ރިޕޯޓު ތައްޔާރު ކުރި އަމީން އަބްދުލް ގައްޔޫމު ގެ ހެކިބަހެވެ.

އެމައްސަލާގައި ދެފަރާތުންވެސް މިހާރު ގިނަ ވާހަކަތަކެއް ދައްކާފައިވާއިރު މާދަމާ އަޑު އެހުންްތައް ނިންމާލާނެ ކަމަށް ގަބޫލުކުރެވެ އެވެ. އެހެންވެއްޖެ ނަމަ ދެން އޮއްނާނީ ހުލާސާ ބަޔާން އިއްވަން ފުރުސަތު ދިނުމާއި ހުކުމް ކުރުމެވެ.

ފުލުހުންނާއި ސިފައިން ދީފައިވާ ހެކިބަސްތަކެއްގެ މައްޗަށް ބިނާކޮށް ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭގެވަގުތެއްގައެވެ.