(ރިޔާޟު، ސަޢުދީ ޢަރަބިއްޔާ، އޭޕީ) ޔަމަނުގެ ހޫސީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ އަރަބި އިއްތިހާދުގައި ހިމެނޭ ބަހުރައިންގެ ބޮން އަޅާ މަތިންދާބޯޓެއް ސައުދީ އަރަބިއްޔާއަށް ވެއްޓިއްޖެ އެވެ.

ސައުދީ އަރަބިއްޔާއިން ބުނީ ބަހުރައިންގެ މަތިންދާ ބޯޓް ވެއްޓުނީ ކޯލިޝަންއިން ހޫސީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އުދުހުމެއްގައި އުޅެނިކޮށް ކަމަށާއި އެ ހާދިސާގައި ބޯޓްގެ ޕައިލޮޓް ސަލާމަތްވި ކަމަށެވެ.

ސައުދީ ސަރުކާރުން ހިންގާ ނޫސް އެޖެންސީން ބުނީ ބަހުރައިންގެ އެފް-16 މަރުކާގެ މަތިންދާބޯޓް ވެއްޓުނީ އިއްޔެގެ ވަގުތެއްގައި ސައުދީ އަރަބިއްޔާގެ ޖިޒާން ޕްރޮވިންސްގެ ސަރަހައްދަކަށް ކަމަށެވެ. އެބޯޓް ވެއްޓުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ޔަމަނުގައި އޮންނަ ބައިނަލް އަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރުގެ ދިފާއުގައި ސައުދީން އިސްނަގައިގެން އުފެއްދި އިއްތިހާދުން ޔަމަނަށް ބޮން އަޅަން ފެށީ މިދިޔަ މާޗް މަހު އެވެ. އޭގެ ފަހުން މިހައިތަނަށް ޔަމަނު ހަނގުރާމައިގައި 5800 މީހުން މަރުވެފައިވާ ކަމަށް ޔްނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ސައުދީ އަރަބިއްޔާއާ ޔަމަނު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި ބަދަލުކުރި ހަމަލާތަކެއްގައި ބަހުރައިންގެ ތިން ސިފައިން މަރުވިކަން ބަހުރައިން ސަރުކާރުން އިއްޔެ އިއުލާންކޮށްފަ އެވެ. ނަމަވެސް އެކަމާ ބެހޭ ތަފުސީލެއް ބަހުރައިނުން ނުދެއެވެ.