30 Dec 2015, 14:06
އާ އަހަރަށް ހާއްސަކޮށްގެން މާދަމާ ރޭ ބޭއްވުމަށް ސަރުކާރުން އިންތިޒާމުކުރާ ޝޯއަށް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
މާދަމާ ރެއަށް ކާނިވާ ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުގެ އެކި މިނިސްޓްރީތަކުން މިހާރު ދަނީ ކުރަމުންނެވެ.
މިނިސްޓްރީތަކުންނާއި ސަރުކާރުގެ އެކި އެކި މުއައްސަސާތަކުން އެބައެއްގެ މަސައްކަތް ރަމްޒުކޮށް ދޭ ސްޓޯލްތައް ކާނިވަލުގައި ދަނީ ތައްޔާރުކުރަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޯލް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުނު އެ މިނިސްޓްރީގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެ މިނިސްޓްރީގެ ސްޓޯލްއިން ދައްކުވައިދޭނީ އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު ކުރިއަށް ގެންދާ މަސައްކަތްތައް ދައްކުވައިދޭ ތަކެތި ކަމަށެވެ.

އާ އަހަރަށް ހާއްސަކޮށްގެން މާދަމާރޭ ބޭއްވުމަށް ސަރުކާރުން އިންތިޒާމުކުރާ ޝޯއަށް ކާނިވާ ތައްޔާރު ކުރަނީ -- ސަންފޮޓޯ --
"މި ސްޓޯލްއިން ފެނިގެންދާނީ. މި މިނިސްޓްރީގެ މަސައްކަތްތައް" އޮފިޝަލް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްއާ ޔޫތު މިނިސްޓްރީއިންވެސް އެމީހުންގެ ސްޓޯލް ތައްޔާރު ކުރުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ކަނިވާ ހިމެނޭ ސަރަހައްދުގައި ޕާކު ކުރުންވެސް ފުލުހުން ވަނީ މިހާރު މަނާކޮށްފަ އެވެ. އެސަރަހައްދުގައި ޕާކު ކޮށްފައި ހުރިތަކެތި ފުލުހުން ވަނީ މިހާރު ނަގަން އަންގާފަ އެވެ.

އާ އަހަރަށް ހާއްސަކޮށްގެން މާދަމާރޭ ބޭއްވުމަށް ސަރުކާރުން އިންތިޒާމުކުރާ ޝޯއަށް ކާނިވާ ތައްޔާރު ކުރަނީ -- ސަންފޮޓޯ
ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް މާދަމާރޭގެ ޝޯގައި ލަވަތައް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާއިރު، ޝޯގެ ސައުންޑް ޓެސްޓް ކުރުމުގެ މަސައްކަތާއި ސްޓޭޖް ތައްޔާރު ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
އާތިފް އަސްލަމްގެ އިތުރުން ސްޓާ ޕްލަސް އިން ގެނެސްދޭ އިންޑިއާގެ މަޝްހޫރު ޓީވީ ޝޯއެއް ކަމަށްވާ "ޑާންސް ޕްލަސް" އަދި "އިންޑިޔާ ގޮޓް ޓެލެންޓް" ގެ ތިން ވަނަ ސީޒަންގެ އެއްވަނަ ހޯދި ނަށާ ގްރޫޕް، "ވީ ކޮމްޕެނީ" ވެސް މާދަ،މާ ރޭގެ ޝޯގައި ހުށަހެޅުންތައް ދައްކާލާނެ އެވެ.

އާ އަހަރަށް ހާއްސަކޮށްގެން މާދަމާރޭ ބޭއްވުމަށް ސަރުކާރުން އިންތިޒާމުކުރާ ޝޯއަށް ކާނިވާ ތައްޔާރު ކުރަނީ -- ސަންފޮޓޯ --
މުޅި ކާނިވާ ވަށައިގެން އުސްކޮށް ފާރުު ރޭނުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ކާނިވަލުގެ އެތެރެވެސް ވަނީ ދަނގަޑު ޖަހާ ދެބައަކަށް ބަހާލާފަ އެވެ. ޝޯ ބައްލަވައިލެއްވުމަށް ވަޑައިގަންނަވާ އިއްޒަތްތެރިންނަށް ސްޓޭޖާ ކައިރިން ގޮނޑިޖަހާފައި ހުއްނަ ބައި ހަމަޖެހިފައިވާ އިރު އަނެއްބައިގައި އާންމުންނަށް ތިބެވޭ ގޮތައް ވަނީ ހަމަޖައްސާފަ އެވެ.
ޝޯއަށް ވަނުމަށް 7000 މީހުންނަށް ފުރުސަތު ލިބޭނެ ކަމަށް ޝޯ އިންތިޒާމު ކުރާ ފަރާތްތަކުން ބުނެފައިވާއިރު އާތިފް އަސްލަމްއާ ވީ ކޮމްޕެނީގެ ފޭނުން ރާއްޖޭގައިވެސް ވަރަށް ގިނަ އެވެ. އެހެންކަމުން މާދަމާރޭގެ ޝޯއަށް ގިނަ އަދަދެއްގެ ބަޔަކު ވަންނާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

އާ އަހަރަށް ހާއްސަކޮށްގެން މާދަމާރޭ ބޭއްވުމަށް ސަރުކާރުން އިންތިޒާމުކުރާ ޝޯއަށް ކާނިވާ ތައްޔާރު ކުރަނީ -- ސަންފޮޓޯ --
އާތިފް އަސްލަމާ އެކު ސެލްފީ ނެގުމުގެ ފުރުސަތު ފަސް މީހަކަށް ދޭން ޝޯ އިންތިޒާމުކުރާ ޕަބްލިކް ސާވިސް މީޑިއާ އިން ވަނީ ނިންމާފަ އެވެ.
އެގޮތުން އެސްއެމްއެސް ކޮށްގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އާތިފް އަސްލަމް އާ އެކު ސެލްފީ ނެގުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ނަމަވެސް ސެލްފީ ނެގުމުގެ ފުރުސަތު ދޭނީ ޝޯ ނިންމާފައި ކަމެއް ނުވަތަ ޝޯ ތެރެއިން ކަމެއް ޕީއެސްއެމް އިން އަކުން ނުބުނެ އެވެ.
އޭގެ އިތުރުން ގުރުއަތުން ހޮވޭ ފަރާތަކަށް ދެ މީހުންގެ ވީއައިޕީ ޕާސް ވެސް ލިބިގެންދާނެ އެވެ. އަދި "ފޭން ޒޯން" އަށް ވަނުމުގެ ފުރުސަތު ހަތް ފަރާތަކަށް ދޭނެ ކަމަށް ވެސް ޕީއެސްއެމް އިން ބުނެ އެވެ.
"ތޫ ޖާނެ ނާ" އަދި "ޖީނެ ލަގާ ހޫން" ފަދަ އަސަރުގަދަ ލަވަތަކުން އެތައް ބައެއްގެ ހިތްތައް އަތުލާފައިވާ އާތިފް އަސްލަމް، 32 އަކީ އިންޑިއާގެ މިއުޒިކް ސްޓްރީމިން ސާވިސްއެއް ކަމަށްވާ "ސަވަން" އިން 2013 ވަނަ އަހަރު ހޮވި އެންމެ މަގްބޫލު ލަވަކިޔުންތެރިޔާގެ މަގާމު ހޯދާފައިވާ ތަރިއެކެވެ.