ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް 24 ރަށެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެކި ކުންފުނިތަކަށް ކުއްޔަށް ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސާލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ ފުލުހުންގެ ތަހުގީގު ޓީމުން ސުވާލުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ތަހުގީގު ޓީމުން ރޭގެވަގުތެއްގައި އަދީބާ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ އެރަށްތައް ކުއްޔަށްދޫކުރުމުގެ އެގްރީމެންޓުގައި ސޮއިކޮށްފައި ވަނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ.

މާލެއަތޮޅުގެ ފަޅެއްގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުންފުންޏަކާ ހަވާލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.

އޭގެ އިތުރުން ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން އިތުރު 24 ރަށެއް ތަފާތު އެކި ކުންފުނިތަކަށް ކުއްޔަށް ދޫކުރި މައްސަލައެއް ވެސް މިހާރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހެޅިފަ އެވެ. ނަމަވެސް ރޭ ސުވާލުކުރި 24 ރަށުގެ މައްސަލައިގެ ތަހުގީގު އަދި ނުނިމެއެވެ.