30 Dec 2015, 14:12
ކުޑަކުދިންނަށް އަމާޒުކޮށް، އެ ކުދިންގެ ވަގުތުތައް ފައިދާ ހުރި ގޮތެއްގައި ބައްޓަން ކުރުމަށް، ސަލްޓަން ޕާކަށް މިހާރު ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއިއްޒު "ސަން"އަށް ވިދާޅުވީ، އަންނަ އަހަރު ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
އެގޮތުން ސަލްޓަން ޕާކަކަކީ ކުޑަކުދިންނަށް ތައުލީމު ލިއްބައިދޭ ތަނެއްގެ އިތުރުން، ކުޅެލާ މަޖާ ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ޕާކެއްގެ ގޮތުގައި އެތަން ބަދަލު ކުރެވިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
"ކުޑަކުދިންނަށް އަމާޒުކޮށްގެން ހެދޭ ތައުލީމީ ނޮލެޖުވެސް ލިބޭ އެކަމަކު އެންޓަޓައިންމަންޓް ޕާކެއްގެ ގޮތުގައި ބަދަލު ކުރެވިގެންދާނެ،" މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަޝްރޫއަކީ އަންނަ އަހަރަށް ޕްލޭންކޮށްފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.
މަސައްކަތުގެ ކޮންސެޕްޓް މިހާރު ނިމިފައި ވާއިރު، ވަރަށް އަވަހަށް އެ ކޮންސެޕްޓް ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށާއި އަދި އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ޖެނުއަރީގައި މަސައްކަތް ބަޔަކާ ހަވާލު ކުރެވިގެން ދާނެ،" މިނިސްޓަރ ވިދާޅުވިއެވެ.