އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ތާވަލުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ލެސްޓާ ސިޓީ އިން ގެއްލުވާލާފި އެވެ.

އެ މެޗުން މޮޅުވެގެން އެއް ވަނަ އަށް އަރަން ލެސްޓާއަށް ފުރުސަތު އޮތް އިރު ރޭގެ ނަތީޖާއާ އެކު އެ ޓީމަށް 39 ޕޮއިންޓް ލިބިފައިވާއިރު ލީގުގެ އެއްވަނައިގައި އޮތް އާސެނަލް އަށް ވެސް ލިބިފައިވަނީ 39 ޕޮއިންޓެވެ. ނަމަވެސް އާސެނަލް އަށް އެއް ވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުން ކުރި ލިބިގެންނެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ސިޓީ ވަނީ ތިންވަނަ އަށް އަރައިފަ އެވެ. ހަތަރުވަނާގައި އޮތީ ޓޮޓެންހަމް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމް ގައު ކުޅުނު އެ މެޗުގައި އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ސިޓީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން ލެސްޓާގެ ޖެމީ ވާޑީ އަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެން ގޮސްފަ އެވެ. އޭނަ ފޮނުވާލި ބޯޅަ ދިޔައި ސިޓީގެ ގޯލުގެ މަތިންނެވެ.

މިހާތަނަށް ލީގުގައި ކުޅުނު މެޗުތަކުން އެ ޓީމް ބަލިވެފައިވަނީ ވެސް އެންމެ ދެ ފަހަރެވެ.

ސިޓީގެ އަގުއެރޯ ވެސް ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. ލެސްޓާގެ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން ލެސްޓާގެ ކޯޗު ކުލައުޑިއޯ ރަނިއެރޭ ބުނީ މޮޅު ޓީމަކާއި ދެކޮޅަށް އޭނާގެ ޓީމުގެ ފަރާތުން ފެނިފައި ވާނީ މޮޅު ކުޅުމެއް ކަމަށާއި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބެގެން ދިޔަ ކަމަށެވެ.

ސިޓީގެ ކޯޗު މެނުއަލް ޕެލިގްރިނީ ބުނީ ލެސްޓާއަށް ވުރުން އޭނާގެ ޓީމުން މެޗުން މޮޅުވާން ކުރި މަސަތްކަތް ގިނަ ކަމަށާއި ލެސްޓާއަކީ މޮޅު ވަރުގަދަ ޓީމެއް ކަމަށެވެ.

އޭނާ ބުނީ ސިޓީ ތިން ވަނާގައި އޮތް ނަމަވެސް އަދި ލީގާއި މެދު ގޮތެއް ނިންމަން އަވަސް ކަމަށާއި ޖެނުއަރީއަށް ފަހުގައި ޓީމުގެ އަސްލު ޕޮޝިޝަން އިނގޭނެ ކަމަށެވެ.