30 Dec 2015, 14:26
ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުން ތަކުގެ ވާހަކައަކީ ތިބާއަށް އާ ވާހަކަތަކަށް ނުވެދާނެއެވެ. އެއީ އަބަދާއި އަބަދު ދެކެވޭ، އަދި އާދައިގެ މަތިން ބީރު ކަންފަތެއް ދެވޭ ވާހަކަތެކެކެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ލޭގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ޖެހުމަށް މެދުވެރިވާ ކަމެކެވެ. ހަނދާން ނެތޭ ބަލި ޖެހުމާއި، ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭ ފޯރުކޮށްދޭ ހޮޅިތައް ހަލާކު ކުރާ ކަމެކެވެ. ހަމައެހެންމެ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދަރިމައި ވުމަށް ވެސް ހުރަސް އެޅޭ ކަމެކެވެ.

ފުއްޕާމެއަށް ކެންސަރު ޖެހިފައި ---
ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ކުރެވެނީ އެ ހުރިހާ ކަމެއް އެނގި، ފެނި ދެނެވި ހުރެގެންނެވެ. ހުރިހާ ކަމެއް ވަރިހަމަ ކޮށްގެން ނެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ތިމާގެ ހަށިގަނޑަށް ލިބޭ ގެއްލުންތައް ވަރިހަމަ ކުރި ނަމަވެސް، އޭގެ ސަބަބުން އެހެން ބަޔަކަށް ގެއްލުން ލިބޭ ކަން އިނގޭ ހެއްޔެވެ؟

ތިބާ ރޯ ކޮށްލާފައި ތި ދަމާލާ ސިގިރޭޓުގެ ދުމަކީ ދެން ތިބޭ މީހުންނަށް ހުރި ނުރައްކަލެކެވެ. އެ ދުމުގެ އަސަރު ކުރާ މީހުންނަށް ތިބާ އަށް ވުރެ ބޮޑަށް ގެއްލުން ލިބެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ވުރެ ދުންފަތުގެ ދުމުގެ އަސަރު ކުރާ މީހުންގެ އުމުރު ކުރުވާނެ އެވެ. އެމީހުންނަށް ހިތުގެ ބަލިތައް ޖެހުމާއި ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ވުރެ ބޮޑެވެ.
ކަން މިހެން އޮތް އިރު، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާނުލާން ވީ ސަބަބެއް ނެތެެވެ. ދުންފަތަކީ ދެވި ހިފާ ކަމަކަށް ވުމުން އެކަން ހުއްޓާލުމަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެއެވެ.
ނަމަވެސް ދުންފަތާ ދުރުވުމަކީ އާ އަހަރު ތިމާ ހާސިލް ކުރަން ބޭނުންވާ އަޒުމުތަކުގެ ތެރެއިން އަޒުމަކަށް ހަދަމާތޯއެވެ. އެކަމަށް ބޭނުންވާނީ ކުޑަ ކުޑަ ހިއްވަރެކެވެ. ވަރުގަދަ އަޒުމަކާއި ހިއްވަރަކާއެކު ކޮށްފި ނަމަ ކާމިޔާބު ނުކުރެވޭނެ ކަމެއް ނޯންނާނެއެވެ.
ކުއްލިއަކަށް ދުންފަތާ ދުރުވުމަކީ ބޮޑެތި ގޮންޖެހުން ތަކާއި ކުރިމަތި ލާން ޖެހޭނެ ކަމެކެވެ. ބައެއް މީހުންނަށް ކެއުމަށާއި ނިދުމަށްވެސް އުނދަގޫވާނެއެވެ. ނަމަވެސް ދުންފަތުގެ އަޅުވެތިކަމުން މިނިވަން ވުމަށް ކުޑަ ހިތްވަރެއް ކޮށްލާށެވެ.
ދުންފަތާ ދުރުވާ ހިސާބުން، ގިނައިން ދިޔާ ތަކެތި ބޭނުން ކުރާށެވެ. އެގޮތުން މޭވާ އާއި ތަރުކާރީގެ ޖޫސް ގިނަ އަދަދަކަށް ބޭނުން ކުރެވިދާނެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާމެދު ހަނދާން ނެތޭ ވަރަށް ބުރަކޮށް މަސައްކަތް ކުރާށެވެ.
ދިރިއުޅުމާއި ސިއްހަތާއި މެދު ޕޮޒިޓިވް ވިސްނުމެއް ގެންގުޅޭށެވެ.
އަދި ދުންފަތުގެ އިސްތިއުމާލު ކުރާ ހިތްވާ ކޮންމެ ފަހަރަކު ހަށިގަނޑު ރިލޭކްސް ކުރުމަށް މަސައްކަތް ކުރާށެވެ. އެގޮތުން ކަސްރަތު ކުރުމާއި، ހިނގުން އަދި ސައިތައްޓެއް ބޯލުން ފަދަ ކަންކަން ކުރެވިދާނެއެވެ.
ހަމައެހެންމެ ކެރެޓާއި ކިއުކަމްބާ، ރެޑިޝް ފަދަ ތަރުކާރީ ތައް ކެއުން ގިނަ ކުރެވިދާނެއެވެ.

ތިބާ އަށް ދުންފަތުގެ އަޅުވެތިކަމުން މިންޖު ވެވިއްޖެ ނަމަ، އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީ އެވެ. ތިބާގެ ފުރާނަ އާއެކު އެވެ. އެހެންކަމުން އާ އަހަރު ތިބާ ހާސިލް ކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ދުންފަތާ ދުރުވުން ހިމަނާށެވެ.