30 Dec 2015, 10:35
ހދ. ނޭކުރެންދޫ ބަނދަރުގެ ބޭރު ތޮށްޓަށް އެރި ދޯންޏެއް އެ ރަށު ރައްޔިތުން އިއްޔެ ފުންކޮށްފި އެވެ.
ނޭކުރެންދޫ ރަށު ކައުންސިލުން ބުނީ އެރަށު ބަނދަރަށް ވަންނަން އޮންނަ ނެރުގެ ފައިކަށްޓަށް އެރި ކަންނެލި ދޯނި، ރައްޔިތުންގެ މަސައްކަތުން ގަޑިއެއްހާ އިރު ތެރޭގައި ފުންކޮށްފައިވާ ކަމަށެވެ. ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް މަޢޫޒް ވިދާޅުވީ އެ ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައި ނުވާ ކަމަށެވެ.
"... އެއީ ލަކުޑިން ބަނދެ، ބޭރުން ފައިބަރު ޖަހާފައި އޮތް ދޯންޏެއް. ދެން ކޮންމެވެސް ވަރަކަށް ފައިބަރު ނެއްޓިފައި ވަނީ. އެއްވެސް ތަނެއް ފޫގޮސް ، އެކަހަލަ ގެއްލުމެއް ނުވޭ. އެކަމަކު އިންޖީނު ރޫމަށް ރާޅު ބިންދުމުގެ ސަބަބުން އިންޖީނަށް ކޮންމެވެސް މައްސަލަތަކެއް ދިމާވެގެން އުޅެނީ،" އިބުރާހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަންނެލީގެ މަސްވެރިކަން ކުރާ އެ ދޯނި ތޮށްޓަށް އެރި އިރު ދޯނީގެ ކައްޕިތާނަކަށް ހުރީ ނޭކުރެންދޫ މީހެއްް ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ދޯންޏަކީ ލ. ދަނބިދޫ ދޯންޏެކެވެ.