ވޮޝިންޓަން (ޑިސެމްބަރު 30) : އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ބާރުތަކުން، ގަލްފުގައިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއްގެ ވަރަށް ކައިރިން މިސައިލްތަކެއް އިއްޔެ ފޮނުވާލާފައިވާ ކަމަށް އެމެރިކާ ބުނެފި އެވެ.

އެމެރިކާ ސިފައިންގެ ތަރްޖަމާނަކު ވިދާޅުވި ގޮތުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ބާރުތަކުގެ މަނަވަރަކުން މިސައިލްތަކެއް ފޮނުވާލީ ގަލްފުގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް ކަމަށްވާ ހެރީ ޓުރުމެން އާއި އެނޫން ދެމަނަވަރުގެ ކައިރިން ދަތުރުކުރަމުން ދަނިކޮށްކަމުގަ އެވެ. އެހެންކަމުން މިއީ ޖެއްސުމުގެ އަމަލެއްކަމަށް ބެލެވޭކަމަށް ވެސް އެމެރިކާގެ ތަރްޖަމާން ވިދާޅުވި އެވެ.
އެމެރިކާގެ އަސްކަރީ މަސްއޫލުވެރިންނާ ޙަވާލާދީ އެންބީސީ ނެޓްވާކު ބުނާގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ މަނަވަރަކުން މިމިސައިލްތައް ފޮނުވާލީ އެލަޝްކަރުން ކުރިޔަށްގެންދާ އަސްކަރީ ފަރިތަކުރުންތަކެއްގެ ތެރޭގައި މިސައިލްތަކެއް ތަޖްރިބާ ކުރުމަށެވެ. އީރާނުގެ މަނަވަރުން ފޮނުވާލި މިސައިލްތައް ދިޔައީ އެމެރިކާގެ މަނަވަރުތަކާ އެންމެ ދޮޅު ކިލޯ މީޓަރު ދުރުންކަމަށާ މިއީ ވަރަށް ނުރައްކާތެރިކަމެއްކަމަށް ވެސް އެމެރިކާގެ އަސްކަރީ މަސްއޫލުވެރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އީރާނުގެ މިސަލްތަކުގެ އަމާޒުހުރީ އެމެރިކާގެ އެއްވެސް މަނަވަރަކާ ދިމާއަށް ނޫންކަން އެމެރިކާގެ މަސްއޫލުވެރިން ހާމަކުރައްވަ އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުގައި ހިމެނޭ އެތައް ހާސް ބަޔަކު ގެންދަނީ ގަލްފަށް ވަންނަ ދޮރުމަތީގައި އަސްކަރީ ފަރިތަކުރުންތަކެއް ކުރިޔަށް ގެންދަމުންނެވެ. މިފަރިތަކުންތަކުގައި އީރާނުގައި އުފައްދާ ކަނޑުން އެއްގަމަށް ފޮނުވާ ބާވަތުގެ މިސައިލްތަކާއި އީރާނުން އުފައްދާފައިވާ އެކިބާވަތުގެ ހަތިޔާރު ތަޖްރިބާކުރަމުން ގެންދާކަން އީރާނުން ހާމަކޮށްފައިވެ އެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރްޖަމާނެއްކަމަށްވާ ކައިލް ރެންޒްވަނި އީރާނުގެ މިއަމަލަކީ އެމެރިކާއަށް މެސެޖެއް ދިނުމުގެ ގޮތުން ހިންގި ޖެއްސުންކުރުމުގެ އަމަލެއްކަމަށް ސިފަކުރައްވާފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އިރާނުގެ މަނަވަރުން މިސައިލް ތަޖްރިބާކުރިއިރު އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ހެރީ ޓުރުމެންއާއި އެނޫން ދެމަނަވަރުވެސް ދިޔައީ އަރަބި ކަނޑުން ގަލްފުގެ ސަރަހައްދަށް ވަންނަމުންނެވެ. މިކަމާބެހޭ ގޮތުން އީރާނުން ބަޔާނެއް ދީފައެއް ނުވެ އެވެ. ( ނޫސްއެޖެންސީތައް)