ވިޔަފާރިކުރާ ތަންތަނާއި، އެނޫން ތަންތަނުގެ މުވައްޒަފުން މަސައްކަތް ކުރާ ގޮތް ބަލައި އެންމެ ކުޑަ މިނުން ދެވޭނެ މުސާރައާބެހޭ ގޮތުން މިނިސްޓަރަށް ލަފާދިނުމަށް އުފައްދާފައިވާ ބޯޑް ރައީސް އަލުން އެކުލަވައިލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މުސާރަ އާއި އުޖޫރައާބެހޭ ގޮތުން ލަފާ ދޭ ބޯޑު އަލުން އެކުލަވާލެއްވީ، ބޯޑުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނީ އަލުން ބޯޑެއް އެކުލަވާލައްވައިގެން ކަމަށް ފެންނާތީ ކަމަށެވެ.

އަލަށް އެކުލަވައިލި ބޯޑްގެ ރައީސަކަށް ހަމަޖެއްސެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކ. މާފުށީ މުސްތަރީގޭ އަޙްމަދު ނަޞީރެވެ. އެހެން ބޭފުޅުންނަކީ، އއ. އުކުޅަސް ފިފްޓީފްލާވާ، ޙުސައިން ސިރާޖާއި، މ. ނިޔަނދުރުމާގޭ ޢާއިޝަތު ޝަހުދާ އާއި، ރ. އަލިފުށި ހަޒާރީގޭ ޙަސަން އަޙްމަދެވެ.

މި ބޯޑަކީ ވަޒީފާއާބެހޭ ޤާނޫނު ގެ 57 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ. ބޯޑް އުފެއްދީ އޯގަސްޓް 23، 2008 ގަ އެވެ.