ޓްރިވެންޑްރަމް، އިންޑިއާ (30 ޑިސެމްބަރު) -ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން އަފްޣާނިސްތާން މުބާރާތަށް އައީ މިފަހަރުވެސް މުބާރާތުގެ ޗެމްޕިއަން ކަން ހޯދައި އެޓީމު ބައިވެރިވާ އެންމެ ފަހުގެ ސާފްގެ މުބާރާތްވެސް ކާމިޔާބު ކުރުމަށެވެ.

އެޓީމު މުބާރާތުގައި ލައްވައިލީ ބަނގުލަދޭޝްއާއި ބޫޓާން އަދި ދިވެހިރާއްޖެއާއެކު ގުރޫޕް 'ބީ' ގައެވެ. މުބާރާތަށް އައުމުގެ ކުރިން އަފުޣާނިސްތާން ކޯޗް ޕީޓާ ސެގެޓް ބުނީ ގުރޫޕް ސްޓޭޖުގައި އެޓީމަށް ކުރިމަތިވާނެ އެންމެ އުނދަގޫ ޓީމަކީ ބަނގުލަދޭޝް ކަމަށެވެ.

މުބާރާތުގެ ފުރަތަމަ މެޗްުގައި އެޓީމުން ބަނގުލަދޭޝްއާ ދެކޮޅަށް ކުޅެން ޖެހުނުއިރު މުޅިމެޗުގައި އެޓޭކުކޮށްގެން ކުޅުނީ އަފުޣާން ޓީމެވެ. ބޫޓާން މެޗަށް ފަހު ރާއްޖޭގެ މެޗަށް އަފުޣާނިސްތާން ނިކުތީ އެޓީމު އަތުން ރާއްޖެ ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން ގެނައުމަށެވެ.

މުބާރާތުގެ ކުރީ ދެ މެޗަށް ފަހުވެސް ޕީޓާ ސެގެޓް ދައްކަމުން ދިޔަ އެއް ވާހަަކައަކީ އަފުޣާނިސްތާން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް އެޓީމު ކޮޅަށް ލަނޑެއް ވަދެފައިނުވާ ވާހަކައެވެ. މިވާހަކައަކީ ކޮންމެ މެޗެއްގައިމެ އޭނާ ތަކުރާރު ކުރި އެއް ވާހަކައެވެ.

މެޗްގައި ރާއްޖެއިންވެސް އެޓީމަށް ނުރައްކާ ކުރިއެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އެހެން އެއްވެސް ޓީމަކުން އެޓީމަށް ނުރައްކާ ނުކުރާނެ މިންވަރަށް ރާއްޖެއިން އެޓޭކު ކުރިއެވެ.

ނަމވެސް ރާއްޖެއަކީ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އެޓީމަށް ކުރިމަތިވި އެންމެ އުނދަގޫ ޓީމުކަމަށް ގަބޫލުކުރާކަށް އެޓީމުގެ ކޯޗް ސާގެޓް އެއްބަހެއް ނުވިއެވެ.

އެކަމާ ބެހޭގޮތުން އޭނާއާ ސުވާލު ކުރުމުން ބުނީ، އޭނާގެ ޓީމުން ރާއްޖޭގެ މެޗަށް ނިކުތީ މުހިންމު ފަސް ކުޅުންތެރިޔަކަށް ރެސްޓް ދިނުމަށްފަހުގައި ކަމަށެވެ. އޭނާގެ މުރާދުގައި ނަމަ ރާއްޖެއިން އެޓީމުކޮޅަށް އެހާބޮޑަށް އެޓޭކު ކުރެވުނީ އެހެންވެއެވެ.

މިއީ އޭނާ ދެއްކި ބަހަނާއެވެ. ރާއްޖެއިންވެސް އަފުޣާން ޓީމާ ދެކޮަޅަށް ނިކުތީ އެކި ޑިޕާޓްމެންޓުތަކުން މުހިންމު ފަސް ކުޅުންތެރިން ބެންޗުގައި ބައިތިއްބައިގެންނެވެ. އެހެންވެ މުހިންމު ފަސް ކުޅުންތެރިންނާ ނުލައިވެސް ރާއްޖެއިން އެޓީމުކޮޅަށް އެޓޭކުކޮށްފިއެވެ.

ނަމަވެސް ރާއްޖެއަކީ އެންމެ ޓަފް ޓީމުކަމަށް ސާގެޓް އެއްބަސް ނުވުމުގައި 'ފޮރުވިފައިވާ' ޓެކްނިކްސްތަކެއް އެބަހުއްޓެވެ. ބައެއް ކޯޗުން ޓީމު ކުޅުންތެރިން މޯޓީވޭޓް ކުރުމަށްޓަކައި ގެންގުޅޭނީ އެކި ފިލޯސަފީ ތަކެވެ. އެހެންވެ ވަރުގަދަ މެޗްތަކުގައިވެސް ސައިކޮލޮޖިކަލީ ކުޅުންތެރިންގެ ވިސްނުން އެއްގޮތަކަށް ވިސްނައި ދިނުމަށް އެންމެ ޓަފް ޓީމުގެ ވާހަކަ ނުދައްކާނެއެވެ. އެއީ އެންމެ ޓަފް ޓީމުގެ ވާހަކަ ދައްކައިގެން ސައިކޮލޮޖިކަލީ ކުޅުންތެރިންނަށް އެމެޗުގައި ރަނގަޅަށް ކޮންސަންޓްރޭޓް ނުކުރެވިދާނެއެވެ.

އަފުޣާނިސްތާން ކޯޗް ޕީޓާ ސާގެޓް. ރާއްޖެ މެޗަކީ އުނދަގޫ މެޗެކޭ ބުނަން އޭނާ ބޭނުމެއް ނުވޭ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަފުޣާން ކޯޗްވެސް ގެންގުޅުނީ އެ ޓެކްނިކް ކަމަށް ވެދާނެއެވެ. ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗަށްފަހުވެސް އެޓީމަށް ބޫޓާންގެ ފަރާތުން ކުރިމަތިވި ބައެއް ގޮންޖެހުންތަކުގެ ވާހަކަ ސާގެޓް ހިއްސާ ކުރިއެވެ. ބޫޓާން މެޗުގައިވެސް އެޓީމާ ބެހޭގޮތުން ގިނަ ޕޮޒިޓިވް ކޮމެންޓްތަކެއް ސާގެޓް ކުރިއެވެ.

އޭނާ ގެންގުޅުނު ޓެކްނިކްގެ ނަޒަރުން ވިސްނާނަމަ ރާއްޖޭގެ ޓީމުގެ ޕޮސިޓިވްނެސްއާ މެދު ދޭނެ އެއްވެސް ކޮމެންޓެއް އޭނާގެ އަތުގައި ނެތެވެ.