އެއާޕޯޓް ތަރައްގީ ކުރުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާ ލޯނުގެ ފައިސާ އަކީ ދައުލަތުގެ ބަޖެޓުން އަނބުރާ ދައްކަން ޖެހޭ ފައިސާ ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމަށް ހިންގާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތަށް ޗައިނާގެ އެގްޒިމް ބޭންކުން ވަނީ 373 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެއް ދީފަ އެވެ.

އައިއެންއައިއޭ ތަރައްގީ ކުރުމަށް ބޭނުންވާ އެ ފައިސާ ހޯދުމަށް ޗައިނާގެ ވެރިރަށް ބެއިޖިން އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މިރޭ ރާއްޖެއަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައީސް ޔާމީންގެ ވިސްނުންފުޅު ހުރީ ދައުލަތުގެ ބަޖެޓަށް އެކަމުގެ ބުރަ ނުވާގޮތަށް ކުންފުނިތަކުން މަސައްކަތް ކުރުން ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ އެ ފައިސާ އަކީ ދައުލަތުގެ ބަޖެޓުން އަނބުރާ ދައްކަންޖެހޭ ފައިސާ ނޫން ކަމަށާއި ލޯނަށް ލިބުނު ފައިސާ އަނބުރާ ދައްކާނީ އެއާޕޯޓް ހިންގައިގެން ލިބޭ ފައިސާ އިން ކަމަށެވެ.

"އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މި ނެގި ލޯނަކީ ހަގީގަތުގައި ދައުލަތުގެ ބަޖެޓުން އެއަށް ފައިސާ ދައްކާކަށް ނުޖެހޭނެ. އެއީ އެއާޕޯޓް ތަރައްގީކޮށް އެއާޕޯޓް ހިންގައިގެން ލިބޭ ފައިދާ އިން ދައްކާގޮތަށް ހަމަޖައްސާފައިވާ ލޯނެއް،" ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ލޯނު ޗައިނާގެ އެގްޒިމް ބޭނުންކުން މިހާރު ދޭން އެއްބަސްވެފައިވާ އިރު އެ ލޯނަށް ވަނީ ފަސް އަހަރު މުއްދަތު ގްރޭސް ޕީރިއަޑްގެ ގޮތުގައި ދީފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ މުއްދަތުގައި މަސައްކަތް ނިންމުމަށްފަހު، 15 އަހަރަށް ބަހާލައިގެން ލޯނުގެ ފައިސާ ދައްކަން ފަށާނެ ކަމަށެވެ. ޒަމީރު ވިދާޅުވީ އެ ލޯނަކީ ޗައިނާގެ ބޭންކްތަކުން ދީއުޅޭ ލޯނުތަކުގެ ތެރެއިން އެންމެ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ކަނޑައަޅައިގެން ދީފައި އޮތް އެއް ލޯނަށް ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަލަށް އަޅާ ޓާމިނަލްގެ މަސައްކަތަށް ކޮންޓްރެކްޓަރެއް ހޮވޭނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާގެވެސް ދެބައިކޮށްފައި އެއްބައި ހަމަޖެހިފައިވާ ކަމަށެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓަރުގެ އިތުރުން ބައިވެރިވީ އެމްބެސަޑަރު މުހައްމަދު ފައިސަލް އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުނައްވަރާއި ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު ހުޝާމް އެވެ.