ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުވައި ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް ރައީސް އަބްދުﷲ ޔާމީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ޖޭސީއައި ކާފު މޯލްޑިވްސް އާއި ވިމެން އޮން ބޯޑްސް ގުޅިގެން ބާއްވާ ޔޫތު ޓު ލީޑާރަސް ފޯރަމް 2015 ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދުންޔާ ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވައި ކުރީސަފަށް ނެރެން ރައީސް ޔާމީންގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ނަމަވެސް އަދިވެސް އަންހެނުނަަށް ކުރީ ސަފަށް އަރައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ އުޅުމަށް އިތުރު ހިތްވަރު ބޭނުންވާ ކަން ދުންޔާ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިއަދުގެ ސަރުކާރުން އަންހެނުނަށް އެފަދަ އެހީތެރިކަންވެސް ދިނުމަށް ތައްޔާރަށް ތިބިކަމަށް ދުންޔާ ވިދާޅުވި އެވެ.

" ވަޒީފާގެ ފުރުސަތު ހުޅުވައިދީ. ލީޑަރުންނަށްވުމަށް އެހީތެރިކަން ދިނުމަށް މިއަދުގެ ސަރުކާރުން އޮތީ ތައްޔާރަށް. އަދި ކުރިމަތިވާ ގިންޖެހުންތަކުން އަރައިގަތުމަށްވެސް ސަރުކާރުން އެހީތެރިކަން ދޭނެ،" ދުންޔާ ވިދާޅުވި އެވެ.

އަންހެނުނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ރާއްޖޭގައި އިތުރުވެފައިވާ ކަން ދުންޔާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ޖިންސީ އަނިޔާގެ ސަބަބުން ރޭގެ ވަގުތެއް ދުނިޔެ ދޫކޮށްފައިވާ ގދ ތިނަދޫ ޒިޔާދާ ނައީމް އަށް އިންސާފު ހޯދައިދޭން ޖެހޭ ކަމަށް މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ.

"އަންހެނުނަށް ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ދިމާވޭ، މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ކުރިމަތިވޭ. ވަޒީފާގައި ކުރިއެރުމަށް ގޮންޖެހުންތައް ކުރިމަތިވޭ،" ދުންޔާ ވިދާޅުވި އެވެ.

މިއަދުގެ ޒުވާނުން ވާންޖެހޭނީ ބަދަލުތައް ގެންނަ، ގައުމަށް އަންނަ ބަދަލުތަކުގައި ބައިވެރިވާ ލީޑަރުންނަށް ކަމަށް ދުންޔާ ވިދާޅުވި އެވެ. އަދި ޒުވާނުންގެ އަޑުއިއްވައި ސަރުކާރާއެކު ކުރިއަށް ދާ ޒުވާނުންނަށް ވުމަށް ދުންޔާ ވަނީ ގޮވާލައްވާފަ އެވެ.