31 Dec 2015, 09:28
ނަތީޖާއެއް ނުނެރެވުނު މުޒާހަރާތައް:
މިއަހަރަކީ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޮޑެތި ގިނަ މުޒާހަރާތަކެއް ކުރި އަހަރެކެވެ. ހާއްސަކޮށް އިދިކޮޅު އެމްޑީޕީ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރު ދުވަހަށް ޖަލަށް ލުމާ ގުޅިގެންނާއި އެމަނިކުފާނުގެ ޝަރީއަތް ކޯޓުގައި ކުރިއަށް ދިޔަ ދުވަސްވަރަކީ އިދިކޮޅު ފަރާތްތައް މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ ދުވަސްވަރެވެ.
27 ފެބްރުއަރީ މުޒާހަރާ:
އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް އެންމެ ފުރަތަމަ ކުރި ބޮޑު މުޒާހަރާ އަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ކުރި މުޒާހަރާ އެވެ. އެ މުޒާހަރާ އިންތިޒާމު ކުރުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިން ހިމެނުނު ޖުމްހޫރީ ޕާޓީ (ޖޭޕީ) ވެސް ހިމެނެ އެވެ. އިދިކޮޅު އެމްޑީޕީއާ ޖޭޕީއާ އެކު ކުރި އެ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ނަމަވެސް އެ މުޒާހަރާ އަކީ އެއްވެސް ނަތީޖާއެއް ނުކުތް މުޒާހަރާއެއް ނޫނެވެ. އިރުއޮއްސި ހައެއް ޖެހުމާ އެކު މުޒާހަރާގެ ލީޑާޝިޕުން މުޒާހަރާ ނިންމާލިކަން އިއުލާނު ކުރުމުން މުޒާހަރާގެ ބައިވެރިން ނުރުހުންފާޅު ކުރި އެވެ. ނަމަވެސް ލީޑާޝިޕުގެ ނިންމުމަށް ބަދަލު ނުގެނެވި، ނަމަވެސް މުޒާހަރާގެ ދެން ތިބި ބައިވެރިން މުޒާހަރާއާގެ ކުރިއަށް ދިޔަ އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށް ފުލުހުން ބުނެ މުޒާހަރާ ރޫޅާލުމެވެ.
މޭޑޭ މުޒާހަރާ:
ފެބްރުއަރީ 27 ވަނަ ދުވަހުގެ މުޒާހަރާއިން އެއްވެސް ނަތީޖާއެއް ނުނިކުތުމުން އިދިކޮޅު ފަރާތްތަކުން ދެވަނަ ބޮޑު މުޒާހަރާއަކަށް ނުކުތެވެ. މޭ މަހުގެ އެއްވަނަ ދުވަހުގެ މުޒާހަރާ އަކީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މުޒާހަރާ އެކެވެ. އެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވީ އަދާލަތު ޕާޓީންނެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ)ން އެ މުޒާހަރާގައި ބައިވެރިނުވާނެ ކަމަށް ބުނި ނަމަވެސް އެޕާޓީގެ ބައެއް އިސްވެރިން ވެސް އެ މުޒާހަރާއިން ފެނިގެން ދިޔަ އެވެ. ރާއްޖޭގެ ރަށްރަށުން ވެސް ގިނަ އަދަދެއްގެ ބަޔަކު މާލެ އައިސް މުޒާހަރާގައި ބައިވެރިވި އެވެ. ހަވީރު ހަތަރެއް ޖެހިއިރު ފެށި މުޒާހަރާ ފުލުހުން ރޫޅާލި އެވެ. އެ މުޒާހަރާ ރޫޅާލި އިރު މުޒާހަރާ ލީޑުކުރި ގިނަ އަދަދެއްގެ ބަޔަކު ފުލުހުން ހައްޔަރުކުރި އެވެ. އަދި ބައެއް އާއްމުންނަށާއި ފުލުހުންނަށް ވެސް މޭޑޭގެ މުޒާހަރާގައި އަނިޔާތަކެއް ލިބުނެވެ.
ތިން ދުވަހަށް ކުރިއަށް ގެންދިޔަ މުޒާހަރާ:
ބޮޑު ދެ މުޒާހަރާއިން ވެސް އިދިކޮޅު ފަރާތްތަކަށް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. އެހެންކަމުން ދިގު ދެމިގެންވާ މުޒާހަރާއެއް އިދިކޮޅު ފަރާތްތަކުން ރޭވި އެވެ. އެގޮތުން ޖުލައި މަހުގެ 12 ވަނަ ދުވަހު ތިން ދުވަހަށް ދެމިގެންދާނެ މުޒާހަރާއެއް އިދިކޮޅު ފަރާތްތަކުން ކުރުމަށް ތައްޔާރުވި އެވެ. އާއްމުކޮށް މުޒާހަރާތައް ފަށަނީ ހަވީރު ހަތަރެއްޖަހާއިރު ކަމުގައިވީ ނަމަވެސް ތިން ދުވަހަށް ދެމިގެންދާނެ ކަމަށް ބުނި މުޒާހަރާ ފެށީ އެރޭގެ ވަގުތެއްގަ އެވެ. އެ މުޒާހަރާގައި ވެސް އެމްޑީޕީއާ އެކު އަދާލަތު ޕާޓީން ބައިވެރިވި އެވެ. އެރޭގެ އެގާރަ ޖެހުމުން ފުލުހުން މުޒާހަރާގެ ބައިވެރިން ގެންގުޅު ސައުންޑު ގެންދިޔަ އެވެ. އަދި އެރޭ ބާރަ ޖެހުމާއި އެކު މުޒާހަރާ ތެރެއަށް ފުލުހުން ވަދެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރި ތިންވަނަ މުޒާހަރާ ވެސް ފަސޭހަ ކަމާ އެކު ރޫޅާލި އެވެ.
މިންޖުވާން މުޒާހަރާ:
ސަރުކާރުން ކުރަމުންދާ ކަންތައްތަކުން މިންޖުވާން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން "މިންޖުވާން" ނަމުގައި މުޒާހަރާއެއް ރޭވި އެވެ. އަދި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެ މުޒާހަރާ ބާއްވާނެ ކަމަށާއި ރާއްޖޭގެ ރަށްރަށުން ވެސް އެ މުޒާހަރާއާ ގުޅުމަށް މުޒާހަރާ ރާވާ އިންތިޒާމު ކުރަމުން ދިޔަ އެމްޑީޕީން ބުނަމުން ދިޔަ އެވެ. އެމްޑީީޕީން ބުނީ އެ މުޒާހަރާ އަކީ 73 ގަޑިއިރާއި 14 މިނެޓަށް ކުރިއަށް ދާނެ މުޒާހަރާ އެއް ކަމަށެވެ. މުޒާހަރާ ކުރަމުން ދިޔައީ އާޓްފިޝަލް ބީޗުގަ އެވެ. ނަމަވެސް އެ ދުވަހު ހަވީރު މުޒާހަރާ ފެށުމަށް ފަހު ރޭގަނޑު ބާރަ ޖެހުމާއި ގާތްވެފައި ވަނިކޮށް މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުތީ މާލޭގެ މަގުތަކުގައި ހިނގާލުމަށް ފަހު އެނބުރި ބީޗަށް އަންނާނެ ކަމަށް ބުނެ އެވެ. ނަމަވެސް ފުލުހުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފަހު މުޒާހަރާ އަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށް ބުނެ މުޒާހަރާ ރޫޅާލި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރުމުން ނަޝީދު ޖަލަށް:
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރުމުގެ މައްސަލާގައި ނަޝީދު ހައްޔަރުކުރީ ވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރީ ވެސް މި އަހަރުގެ ތެރޭގަ އެވެ. ރައީސް ނަޝީދުގެ ޝަރީއަތް ހިންގުމަށް ފަހު އެމަނިކުފާނުގެ މައްޗަށް ކުރި ދައުވާ ސާބިތުވުމުން ކްރިމިނަލް ކޯޓުން ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމު އިއްވީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.
ގެއިން ފިސްތޯލެއް ފެނިގެން ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށް، 11 އަހަރަށް ޖަލަލުން:
މި ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ގެކޮޅަށް ފުލުހުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ އެވެ. އަދި ކޯޓު އަމުރަކާ އެކު އެގެ ބަލައި ފާސްކޮށް ބައެއް ތަކެތި ވެސް ފުލުހުން ގެންދިޔަ އެވެ. ހަމައެއާ އެކު ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އޭނާ ޑިފެންސް މިނިސްޓަރު ކަމުން ވަކި ކުރައްވައި ސިފައިންގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލު އެވެ. ނާޒިމްގެ ގެއިން ފުލުހުން ގެންދިޔަ ބައެއް ތަކެތީގެ ތެރޭގައި ހަތިޔާރު ހުރި ކަމަށް ބުނެ ފުލުހުން ނާޒިމް ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި އޭނާގެ މައްޗަށް ހަނގުމާވެރި ހަތިޔާރު ގެންގުޅޭ ކަމުގެ ދައުވާކޮށް ނާޒިމްގެ ޝަރީއަތްތައް ކޯޓުން ފެށި އެވެ. ނާޒިމްގެ މައްޗަށް ކުރި ދައުވާ ސާބިތުވެފައިވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 11 އަހަރު ދުވަހުގެ ހުކުމެއް ކުރީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހުގެ ރޭގަ އެވެ.
މަކަރާއި ހީލަތް ހެދުމުން މެމްބަރު ނާޒިމްގެ ގޮނޑި ގެއްލި، 25 އަހަރަށް ޖަލަށް:
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން ދަށު ކޯޓުން ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ހައި ކޯޓުން ނިންމި އެވެ. އަދި މުއްދަތު ފަހަނަ އަޅައި ދިއުމުން ސުޕްރީމް ކޯޓުގައި ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރި އެވެ. ސުޕްރީމް ކޯޓުން ނާޒިމްގެ މައްސަލައިގެން ޝަރީއަތްތައް ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި މަކަރާއި ހީލަތުގެ ދައުވާ ނާޒިމްގެ މައްޗަށް ސާބިތުވުމުން އޭނާގެ މައްޗަށް ސުޕްރީމް ކޯޓުން 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އެވެ.
އިތުބާރު ނެތުމުން ޖަމީލު ނައިބުކަމުން ދުރުކޮށް، އަދީބަށް އެ މަގާމު ހަވާލުކުރުން:
ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ނައިބު ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތް ކަމަށް ބުނެ އޭނާ ނައިބު ރައީސް ކަމުން ދުރުކުރެއްވީ ވެސް މިއަހަރުގެ ތެރޭގަ އެވެ. މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޖަމީލު މަގާމުން ވަކި ކުރެއްވުމަށް 78 މެމްބަރުން ވޯޓު ދެއްވި އެވެ. ހަމައެއާ އެކު ޖެހިގެން އައި ދުވަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު ދެއްވި އެވެ.
ފިނިފެންމާގައި އެއްޗެއް ގޮވުން:
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެންނެވި އިރު ދަތުރުކުރެވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވީ ވެސް މި އަހަރުގެ ތެރޭގަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 28ވަނަ ދުވަހު ހިނގި އެ ހާދިސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މައިބަދައިގެ ހަތަރު ތަނަކުން ވަނީ ރެނދުލާފަ އެވެ. އަދި ހަމަ އެ މައްސަލައާ ގުޅިގެން ސިފައިންގޭގައި މަސައްކަތް ކުރާ ތިން މީހަކު ވެސް ހައްޔަރު ކުރިއެވެ. އޭގެތެރޭގައި ބޮން ފަދަ ގޮވާ ތަކެތި، ނުގޮވާ ގޮތަށް ހެދުމުގެ ގާބިލްކަން ލިބިފައިވާ ތަޖުރިބާކާރެއް ވެސް ހިމެނެ އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އެންމެ ފުރަތަމަ އިތުރުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު އެވެ.
އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ ގެ ބަލައި ފާސްކޮށް، ފުލުހުން އޭނާ ހައްޔަރުކުރުން:
މޯލްޑިވްސް މާކެޓިން އެންޑު ޕްރޮމީޝަން ބޯޑު (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ޒިޔަތު ދިރިއުޅުއްވާ ގެކޮޅު ބަލައި ފާސްކުރީ ވެސް މި އަހަރުގެ ތެރޭގަ އެވެ. އޭނާ ދިރިއުޅުއްވާ ހ. ހިޔާކޯޅި އަށް ފުލުހުން ވަދެ ބައެއް ތަކެތި އެގެއިން ފުލުހުން ގެންދިޔައީ މިދިޔަ އޮކްޓޯބަރު މަހުގެ 14ވަނަ ދުވަހު އެވެ. ޒިޔަތުގެ ގެ ބަލައި ފާސްކުރިތާ ހަފްތާއެއްގެ ފަހުން އޭނާ ހައްޔަރުކުރި އެވެ. ޒިޔަތު ހައްޔަރުކުރީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ މައްޗަށް މިހާރު ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ހިޔާނާތްތެރިވުމުގެ ދައުވާ އެވެ.
ގައުމަށް ގައްދާރުވުމުން އަދީބު ހައްޔަރުކުރުން:
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު އަދީބު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހު އެވެ. އަދީބު ހައްޔަރުކުރީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެނބުރި މާލެ ވަޑައިގަތް ދުވަހު އެވެ. ހަމަ އެދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން މާލޭގެ އަށް ތަނެއް ބަލާ ފާސްކޮށް ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ނައިބު ރައީސްކަމުން އަދީބު ދުރުކުރުން:
ގައުމަށް ގައްދާރުވުމުގެ ތުހުމަތުގައި ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު ހައްޔަރު ކުރިތާ 12 ވަނަ އަށް ވީ ދުވަހު (ނޮވެމްބަރު މަހުގެ 5) ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ވައްދާފަ އެވެ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ހުށަހެޅުއްވި އެ ގަރާރު މަޖިލީހުން ބަލައިގަނެ އެ ގަރާރަށް ބަހުސް ކުރި އެވެ. އަދި 61 މެމްބަރުންގެ ވޯޓުން އަދީބުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމާ އޭނާ ނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރެއްވި އެވެ.