29 Dec 2015, 20:51
ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރީގެ ފޯމްތަކުގައި ފިންގާޕްރިންޓު ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތުގައި، އެކަން ކުރުމަށް އެކަށީގެންވާގޮތެއްގައި އެމްޑީޕީން މަސައްކަތް ނުކުރާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ އެ ފޯމްތަކުގައި ފިންގާޕްރިންޓު ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ހަ މަސް ދުވަހުގެ މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށް، އެ މަސައްކަތް ކުރުމުގެ ބަދަލުގައި އެމްޑީޕީން އިޚްތިޔާރުކުރީ ކޯޓު ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން ގާނޫނާ އެއްގޮތަށް ފިންގާ ޕްރިންޓު ޖަހަން އެދުނު ދުވަހުން ފަށައިގެން މަސައްކަތް ކުރިނަމަ 23،000 މެމްބަރުން މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު ޑެޑްލައިން ހަމަވުމާ ގުޅިގެން ޕާޓީން ވަކިވެގެންދާކަށް ނުޖެހޭނެ،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެކަމުން އެނގެނީ ޕާޓީ ހިންގަން ތިބި ބޭފުޅުންނަށް ޕާޓީ ނުހިންގޭކަން ކަމަށެވެ. މިހާރު އެމްޑީޕީގައި ތިބި ގިނަ މެމްބަރުންނަކީ އޭނާ ޗެއާޕާސަން ކަމުގައި ހުންނެވި ދުވަސްވަރު ކެމްޕޭން ދަތުރުތަކާއި އެނޫންވެސް ދަތުރުތަކުގައި އެ ޕާޓީއަށް އިތުރުކޮށްފައިވާ މެމްބަރު ކަމަށް މޫސަ ވިދާޅުވިއެވެ.
ފާއިތުވި ހަ މަސް ދުވަހު އެމްޑީޕީން އެކަށީގެންވާ ގޮތުގައި މަސައްކަތްކުރިނަމަ ކޮންމެ ހަފްތާއަކަށް 3،000 މެމްބަރުން އެ ޕާޓީއަށް އިތުރުކުރެވޭނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
"ހަ މަސް ދުވަހުގެ މުއްދަތެއް ދިނީ. ދެން މިހާރު ކީއްކުރަންތޯ ކޯޓަށް ދާންވީ. މިއަދު ކުއްލިއަކަށް އަމުރެއް ނެރެންދާނެކަމެއް ނެތެއްނޫންތޯ. ކޮންމެ ގޮތެއް ވިޔަސް ގާނޫނުގައި އެބައޮވޭ ފިންގާ ޕްރިންޓު ހުންނަންޖެހޭނެ ކަމަށް،" މޫސަ ވިދާޅުވިއެވެ.
އެމްޑީޕީން މިހާރަކަށް އައިސް އުޅެނީ ގަދަބާރުން ކަންތައްތައް ކުރުމަށް ކަމަށާއި އެކަމުގެ ސަބަބުން ހުރިހާ ނިކަމެތިކަން ލިބެނީ ޕާޓީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުއްދަތު ހަމަވާން ދެ ދުވަހަށް ވެފައިވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިންގާ ޕްރިންޓު ފޯމުގައި ޖެހުމަށް ތެޅިފޮޅިގަނެގެން އެމްޑީޕީގެ ލީޑާޝިޕުން އުޅޭ ކަމަށެވެ. ނަމަވެސް ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި އުޅުނުނަމަ އެކަން މިހާރު ކުރެވިއްޖެ ކަމަށާއި ޕާޓީގެ ލީޑާޝިޕުން ރައީސް ނަޝީދު އެ ޕާޓީގައި ބަހައްޓަން ބޭނުންނުވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
"އެބޭފުޅުން ރައީސް ނަޝީދުގެ ފިންގާ ޕްރިންޓު ނުޖަހާނެ. މިހާރު ޕާޓީ ހިންގަން ތިބި ބޭފުޅުން ބޭނުންވަނީ ރައީސް ނަޝީދު ވެސް ކުރީގަ އެމްޑީޕީއަށްޓަކައި ގުރުބާންވި އެންމެން ބޭރުކޮށްލަން. މިއޮތްހުރިހާ ދުވަހު ރައީސް ނަޝީދުގެ ފިންގާ ޕްރިންޓު ނުޖެހެންވީ ކީއްވެތޯ. ރައީސް ނަޝީދު އަރިހަން ލޯޔަރުންނާ އެއްޗިހި ފޮނުވަނީ ޕާޓީގެ ކޮންމެވެސް ކަހަލަ އިންތިޒާމްތަކެއް އޮވެގެން،" މޫސަ ވިދާޅުވިއެވެ.