ހަތަރު ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން ދެ ކުންފުޏަކާ މިއަދު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އައިޑީބީގެ ލޯނު އެހީގެ ދަށުން ހަދާ ބަނދަރުތަކުގެ މަސައްކަތް ހަވާލުކުރީ އައިމާ ކޮންސްޓްރަކްޝަނާއި އަމީން ކޮންސްޓްރަކްޝަނާ އެވެ. ބަނދަރު ހަދާ ހަތަރު ރަށަކީ ތ. ހިރިލަންދުއާއި ބ. ދަރަވަންދުއާއި ކ. ކާށިދޫ އަދި ގއ. ދެއްވަދޫ އެވެ.

މީގެ ތެރެއިން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ ދަރަވަންދު އާއި ކާށިދޫ ބަނދަރުގެ މަސައްކަތެވެ. އެއީ 3.1 މިލިޔަން ޑޮލަރަށް 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ދެއްވަދޫއާއި ހިރިލަންދޫގެ ބަނަދަރު އައިމާ ކޮންސްޓްރަކްޝަނާ ހަވާލު ކުރީ 3.3 މިލިޔަން ޑޮލަރަށް އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އައިމާ ކޮންސްޓްރަކްޝަނާ ހަވާލުކުރި ދެބަނދަރުގެ ތެރެއިން ހިރިލަންދޫ ބަނދަރުގެ ބޮޑުމިނަކީ 70 މީޓަރާއި 130 މީޓަރެވެ. ދެއްވަދޫ ބަނދަރުގެ ބޮޑު މިނަކީ 49 މީޓަރާއި 105 މީޓަރެވެ. އަމީންއާ ހަވާލު ކުރެއްވި ދެބަނދަރުގެ ތެރެއިން ދަރަވަންދޫ ބަނދަރުގެ ބޮޑުމިނަކީ 90 މީޓަރާއި 175 މީޓަރެވެ. ކާށިދޫ ބަނދަރުގެ ބޮޑުމިނަކީ 85 މީޓަރާއި 218 މީޓަރެވެ.

ދެ އެބަސްވުމުގައި މިނިސްޓްރީން ސޮއިކުރީ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފެވެ. އައިމާއިން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަބްދުލް އަޒީޒެވެ. އަމީން ކޮންސްޓްރަކްޝަނުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ.