ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ސަރުކާރުން ހިންގާ "ވިޒިޓް މޯލްޑިވްސް އިޔާ"ގެ އަންނަ އަހަރުގެ ހަރަކާތްތައް ފެށުމާއި އާ އަހަރާ ދިމާކޮށް ރާއްޖޭގައި ޝޯ ދިނުމަށް އަންނަ ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް އަށް އެއާޕޯޓުން މަރުހަބާ ކިޔުމުގެ ފުރުސަތާއި އޭނާއާ އެކު ސެލފީ ނެގުމުގެ ފުރުސަތު ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އާތިފް އަސްލަމް ރާއްޖެ އަންނާނީ ބުރާސްފަތި ދުވަހު އޮންނަ ޝޯ ހުށަހަޅައި ދިނުމަށެވެ. އޭނާ ޝޯގައި ބައިވެރިވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ހާއްސަ ދައުވަތަކަށެވެ.

ޝޯ އަށް އާތިފް އަސްލަމް ރާއްޖެއަށް އަންނަ ދުވަހު، އޭނާ އަށް އެއާޕޯޓުން މަރުހަބާ ކިޔުމުގެ ނަސީބު ކޮންމެސް އެއް ފަރާތަކަށް ލިބޭނެ ކަމަށް ބުނެފައި ވަނީ ދިރާގުންނެވެ.

ނަސީބުވެރިއަކު ހޮވުމަށް ހަމަޖެހިފައި ވަނީ *2016# ޖެހުމަށް ފަހު ފޮނުވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތު ނަގައިގެންނެވެ.

ދިރާގުން ބުނާ ގޮތުގައި *2016# ޑައިލް ކުރުމުން ދެ ރުފިޔާ ޗާޖް ކުރާނެ އެވެ.

އޭގެ އިތުރުން، އާތިފް އަސްލަމާ އެކު ސެލްފީ ނެގުމުގެ ފުރުސަތު ފަސް މީހަކަށް ދޭން ޕަބްލިކް ސާވިސް މީޑިއާ އިން ވަނީ ނިންމާފަ އެވެ.

އެގޮތުން އެސްއެމްއެސް ކޮށްގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އާތިފް އަސްލަމް އާ އެކު ސެލްފީ ނެގުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ނަމަވެސް ސެލްފީ ނެގުމުގެ ފުރުސަތު ދޭނީ ޝޯ ނިންމާފައި ކަމެއް ނުވަތަ ޝޯ ތެރެއިން ކަމެއް ޕީއެސްއެމް އިން އަކުން ނުބުނެ އެވެ.

އޭގެ އިތުރުން ގުރުއަތުން ހޮވޭ ފަރާތަކަށް ދެ މީހުންގެ ވީއައިޕީ ޕާސް ވެސް ލިބިގެންދާނެ އެވެ. އަދި "ފޭން ޒޯން" އަށް ވަނުމުގެ ފުރުސަތު ހަތް ފަރާތަކަށް ދޭނެ ކަމަށް ވެސް ޕީއެސްއެމް އިން ބުނެ އެވެ.

"ތޫ ޖާނެ ނާ" އަދި "ޖީނެ ލަގާ ހޫން" ފަދަ އަސަރުގަދަ ލަވަތަކުން އެތައް ބައެއްގެ ހިތްތައް އަތުލާފައިވާ އާތިފް އަސްލަމް، 32 އަކީ އިންޑިއާގެ މިއުޒިކް ސްޓްރީމިން ސާވިސްއެއް ކަމަށްވާ "ސަވަން" އިން 2013 ވަނަ އަހަރު ހޮވި އެންމެ މަގްބޫލު ލަވަކިޔުންތެރިޔާގެ މަގާމު ހޯދާފައިވާ ތަރިއެކެވެ.

މީގެ އިތުރުން، ޕާކިސްތާނުގައި 2002 ވަނަ އަހަރުން ފަށައިގެން ދެމުން އަންނަ ލަކްސް ސްޓައިލް އެވޯޑްސް ފަސް އަހަރު އޭނާ ހޯދާފައިވާ އިރު، ބިގް އެޕަލް މިއުޒިކް އެވޯޑްސް ފައުންޑޭޝަނުން ހޮވާ ޕާކިސްތާނުގެ އެންމެ މަގްބޫލް ލަވަކިޔުންތެރިޔާގެ އެވޯޑް ވޭތުވެދިޔަ ދެ އަހަރު އޭނާ ހޯދާފައިވެ އެވެ.

އެ އެވޯޑުން ހޮވާ ދުނިޔޭގެ އެންމެ މަގްބޫލު ލަވަކިޔުންތެރިޔާގެ މަގާމަށް ވެސް އޭނާ ވަނީ މިދިޔަ އަހަރު ނޮމިނޭޓްވެފަ އެވެ.

ޝޯގައި ބައިވެރިވުމަށް އިންއާގެ ޑާންސް ގްރޫޕް "ވީ ކޮމްޕެނީ" ވެސް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.