ރާއްޖޭގެ ގައުމީ ތަރައްގީ އާއި ލާބަޔާއި މަންފާ ލިބިދޭފަދަ އަގުހުރި ޚިދުމަތްކޮށްދެއްވާފައިވާ ‏‏އަންހެނުންނަށް ކޮންމެ އަހަރަކު ދެމުން އަންނަ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 14 ވަނަ ދުވަހާ ހަަމައަށް އިތުރުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައި ވަަނީ ވީހާވެސް ގިނަ އަންހެނުންނަށް އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށެވެ.

ކުރިން އެވޯޑަށް ކުރިމަތިލުމަށް އޮތީ މި މަހުގެ ނިޔަލަށެވެ. ނަމަވެސް އަންނަ މަހުގެ 14 އަށް މިހާރު ވަނީ މުއްދތު އިތުރުކޮށްފައެވެ.

އެ އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

އެންމެ ފުރަތަމަ ރެހެންދި އެވޯޑު ދީފައި ވަނީ މިދިޔަ އަހަރު އެވެ. އެފަހަރު އެވޯޑު ހާސިލުކޮށްފައި ވަނީ ރާއްޖޭގެ މޮޅު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ އާއި މޮޅު ކޭކުއެޅުންތެރިޔާ އާމިނަތު ނަޝީދާއެވެ.

މިއަހަރުގެ ރެހެންދި އެވޯޑު ލިބިފައި ވަނީ މަޝްހޫރު ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާ އާއި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ އއ. ތޮއްޑޫ ދޫރެސް، ގަމީރާ އާދަމަށެވެ.

އެ އެވޯޑު ދެނީ ކޮންމެ އަހަރަކު ވެސް މާޗު އަށެއްގައި ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުއެވެ.