29 Dec 2015, 19:24
ޑިސެމްބަރު 31، 2015 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ފިންގާޕްރިންޓް ޖެހުމަށްފަހު ފޯމު ހުށަހަޅަންޖެހޭ މެމްބަރުންގެ ތެރޭގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ސިޔާސީ ޕާޓީތައް އަލަށް އުފެއްދި ދުވަސްވަރު ފިންގަޕްރިންޓް ނުޖަހައި ފޯމު ހުށަހަޅާފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ޕާޓީން ވަކި ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ފިންގަޕްރިންޓް ނުޖަހައި ތިބި މެމްބަރުނަ އަލުން. ފިންގާ ޕްރިންޓް ޖެހުމަށްފަހު ފޯމު ހުށަހަޅަން ހަ މަސް ދުވަހުގެ މުއްދަތެއް ދިން އިރު، އެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވާނެއެވެ.
ބުރާސްފަތި ދުވަހުގެ ނިޔަލަށް ފިންގަޕްރިންޓް ހަވާލު ނުކުރާ މެމްބަރުން ޕާޓީން ވަކި ކުރެވޭނެ ކަމަށް ވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދުގެ ފިންގަޕްރިންޓް އަދި ހުށަހަޅާފައި ނުވާކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ މެންބާޝިޕް ފޯމު ފުރުމަށް ފަހު ފިންގާޕްރިންޓް ޖެހޭނެ އިންތިޒާމް ހަމަޖައްސައިދޭން އެދި ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
މި ސިޓީގައި އެމްޑީޕީން ވަނީ ފޯމުގައި ނަޝީދުގެ ފިންގަޕްރިންޓް ޖެހުމަށް އެމްޑީޕީގެ ފަރާތުން އެދި ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު އާއި ޗެއާޕާސަންގެ ނައިބު މާލީ އަލްފާޟިލް ޢަލީ ނިޔާޒު އާއި ޕާލަމަންޓްރީ ގްރޫޕުގެ ސެކްރެޓަރީ ޖެނަރަލް އަލްފާޟިލް މުޙައްމަދު ރަޝީދު ޙުސައިން އެމަނިކުފާނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް އެދިފަ އެވެ.
ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ޕާޓީތަކަށް ސޮއިކޮށްފައިވާ މެމްބަރުންގެ ތެރެއިން އިނގިލީގެ ނިޝާން ހުށަހަޅާފައި ނެތް މެމްބަރުން ދަފްތަރުން އުނި ކުރުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ބުނެ އެމްޑީޕީ އާ ޑީއާރުޕީން ވަނީ ކޯޓަށް މައްސަލަ ވައްދާފައެވެ. އަދި އިިލެކްޝަންސްގެ ނިންމުމަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ އަމުރަކަށްވެސް ވަނީ އެދިފައެވެ.
ނަމަވެސް ސިވިލް ކޯޓުން މިއަދު ނިންމާފައި ވަނީ، އިލެކްޝަންސްގެ ނިންމުމަށް އަމަލު ކުރުން ފަސްކޮށްދެވެން ނެތް ކަމަށެވެ.