29 Dec 2015, 21:56
އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން އައްޑޫ މިވެންސް އެސޯސިއޭޝަން (އޭޑަބްލިއުއޭ) އިން ކަލަންޑަރެއް ނެރެފި އެވެ.
ޖުވޭޒް ކެފޭގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ކަލަންޑަރު ނެރެދެއްވީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ތަފާތު އެކި ގޯނާތަކުން އެފަރާތްތައް ސަލާމަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އަންހެނުންނަށް ކުރާ އަނިޔާތަކާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ މުޅި މުޖުތަމައު އިން ފޮހެލަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެން،" ޒިޔާދު ވިދާޅުވި އެވެ.

އޭޑަބްލިއުއޭ އިން ތައްޔާރު ކުރި ކަލަންޑަރު އިފްތިތާހް ކުރުން -- ސަން ފޮޓޯ: ޔޫސުފް ސަފްވާން
އަދި މިފަދަ ކަންކަން މުޖުތަމައު އިން ފޮހެލެވޭނީ ރައްޔިތުން ހޭލުންތެރިވެގެން ކަމަށާއި މިފަދަ ހަރަކާތްތަކާ އެކު ރައްޔިތުން ހޭލުންތެރި ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަލަންޑަރު ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔަތަކީ ވެސް، އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުގައި، އަދި މިފަދަ ކަންކަމަށް މުޖުތަމައު ހޭލުންތެރި ކުރުމަށް ތަފާތު ހަރަކާތްތަކެއް ހިންގުމަށް ބޭނުންވާ ފަންޑު ހޯދުމަށް، ފަންޑް ރެއިޒިންގް އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެސޯސިއޭޝަންގެ މެމްބަރު ޝަފްގާ ޝަފީގް ވިދާޅުވި އެވެ.
އޭޑަބްލިއުއޭ އިން ބުނީ އެ ކަލަންޑަރު ތައްޔާރުކޮށްފައި ވަނީ ވަރަށް ގިނަ ދިރާސާތަކެއް ކުރުމަށް ފަހު އެވެ.
އެ ކަލަންޑަރުގައިވާ މައުލޫމާތު އެއްކޮށް، ދިރާސާތައް ކޮށްފައި ވަނީ ޝަފްގާ ޝަފީގް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑަބްލިއުއޭ ގެ ފައުންޑާ މެމްބަރު، ޖުވޭރިޔާ ވަޖުދީ ވިދާޅުވީ، ކަލަންޑަރު ނެރުމަށް ހަމަޖައްސާފައި އޮތީ މިއަދު ނޫން ކަމަށާއި ނަމަވެސް ލިބިފައިވާ ޖިންސީ އަނިޔާތަކާ ގުޅިގެން އައިޖީއެމްްއެޗުގެ އަސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމު ނިޔާވުމާ ގުޅިގެން ކަލަންޑަރު ނެރުނީ ކަމަށެވެ.
އެގޮތުން ކަލަންޑަރުގައި ވާ ރީނދޫ ކުލައިގެ ގޮޅީގައި ރާއްޖޭގައި ހިނގާފައިވާ އެކި ހާދިސާތައް ހުލާސާކޮށް ކިޔާދީފައިވާ އިރު، ރާއްޖޭގައި ހިނގާފައިވާ ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކާ ގުޅޭ އެހެނިހެން މައުލޫމާތު ވެސް ކަލަންޑަރުން ފެންނަން ހުންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
އޭގެ އިތުރުން އަނިޔާ ލިބޭ ފަރާތްތަކަށް، ނުވަތަ އަނިޔާއެއް ލިބެމުންދާކަން އެނގި މައްސަލަ ރިޕޯޓު ކުރަން ބޭނުންވާ ފަރާތްތަކަށް އެހީއެއްގެ ގޮތުން، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ނަންބަރު ވެސް ކަލަންޑަރުން ފެންނަން ހުރެ އެވެ.
އޭޑަބްލިއުއޭ އިން ބުނި ގޮތުގައި މިއީ މިފަދަ މައްސަލަތަކާ ގުޅޭ އެންމެ ގިނަ މައުލޫމާތު ހިމަނައިގެން ރާއްޖޭގައި ނެރޭ ފުރަތަމަ ކަލަންޑަރެވެ.