އައިޖީއެމްއެޗްގެ އަސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމުގެ އައިލާއަށް ސައިކޯ ސޯޝަލް ސަޕޯޓާއި އެހެނިހެން ގޮތްގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޒިޔާދާއަށް އިންސާފު ހޯދައިދިނުމަށް މިނިސްޓްރީގެ ބާރުގެ ދަށުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މުޖުތަމައުގެ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ ހައްގުތަކަށް އުނިކަންދީ އަނިޔާ ކުރާ ފަރާތްތަކަށް ގާނޫނުގެ ދަށުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ. އަދި އެ އަދަބު ވީހާވެސް އަވަހަކަށް އެ މީހަކަށް ދޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޒިޔާދާގެ އޮޓޯޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ގެންދަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ 'ސަން' އަށް ވިދަޅުވީ ޒިޔާދާގެ އޮޓޯޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު ގެންދާނީ ކޮން ގައުމަކަށް ކަމާމެދު މަޝްވަރާކުރެވެމުން ދާކަމަށެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޮޓޯޕްސީ ހެދުން ކޮންމެހެން ބޭނުންކަމަށް ފުލުހުން އާއިލާއަށް އަންގާފައިވާ ކަން ވަނީ އެނގިފަ އެވެ. އެހެން އަންގާފައި ވަނީ ޒިޔާދާ ހޮސްޕިޓަލުގައި އޮތް އިރުވެސް ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އޭނާގެ ހާލު ހުރިގޮތުން ސާފު ނުވުމުންނެވެ.

ޒިޔާދާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމުތުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު، 40، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު މިހާރު ވަނީ ތިން ވަނަ ފަހަރަށް އިތުރުކޮށްފަ އެވެ