ޕިޝާވަރު (ޑިސެމްބަރ 29): ޕާކިސްތާނުގެ ހުޅަނގުދެކުނުގައި އޮންނަ މަރުދާން ސިޓީގައި މިއަދު ބޮމެއް ގޮވައި، 18 މީހަކު މަރުވެ 20 މީހަކު ޒަޚަމްވެއްޖެ އެވެ.

އެ ހާދިސާ ހިނގީ ގިނަ އަދަދެއްގެ މީހުން ތިބި ނެޝަނަލް ޑޭޓާބޭސް އެންޑް ރެޖިސްޓްރޭޝަން އޮތޯރިޓީ ކައިރީގައި އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެހަމަލާ ދީފައިވަނީ ސައިކަލަކުން އައި މީހަކު ޖާނުން ފިދާވެގެންނެވެ.

ޕާކިސްތާނުގެ ތާލިބާނުންނާ ގުޅުން އޮންނަ ޖަމާއަތަކުން ވަނީ އެހަމަލާގެ ޒިންމާ ނަގާފަ އެވެ. ފުލުހުން މިހާރު ދަނީ އެހަމަލާ ތަހުގީގު ކުރަމުންނެވެ.

މިއަދުގެ ހަމަލާ ދީފައިވަނީ މިދިޔަ އަހަރު ޕިޝާވަރުގެ ސްކޫލަކަށް ދިން ހަމަލާގައި ބައިވެރިކަމަށް ސާބިތުވި ތާލިބާނާ ގުޅުންހުރި ހަތަރު މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރިތާ މާގިނަ އިރު ނުވަނީސް އެވެ.

ޕިޝާވަރުގެ އަސްކަރީ ސްކޫލަކަށް 16 ޑިސެމްބަރ 2014ވަނަ ދުވަހު ދިން ހަމަލާގައި 144 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. (ނޫސްއޭޖެންސީތައް)