ފުވައްމުލަކުގައި ޒުވާނެއްގެ ގަޔަށް މިރޭ ވަޅި ހަރާ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ މިރޭ 8:30 އެހާކަންހާއިރު ފުވައްމުލަކުގައި ގްރޫޕަކުން ވަޅި ހަރާ ޒަހަމްކޮށްލައިފައި ވަނީ އެރަށު ދޫޑިގަމް އަވަށު އަހުމަދު ޖިހާދު 29، ކަމަށެވެ. މި ހަމަލާގައި ޖިހާދުގެ ބުރަކަށީގެ ހަތަރު ތަނަކަށް ވަޅި ޖަހާފައިވާއިރު ހަށިގަނޑުގެ އެއް ދިމާލަކުން އެއް އިންޗި ފުންމިނަށް ވަނީ ވަޅި ހަރައި ޒަހަމްކޮށްލައިފަ އެވެ.

ސީރިއަސް ހާލަތުގައި އޮތް ޖިހާދަށް މިވަގުތު ފަރުވާ ދެމުން ދަނީ ފުވައްމުލަކު ހޮސްޕިޓަލުގަ އެވެ.

"ޒަހަމްވި ޒުވާނާއަށް ލިބިފައި ވަނީ ސީރިއަސް އަނިޔާތަކެއް،" ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ޖިހާދަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ފުއްޕާމެއަށް ގެއްލުންވެފައިވާ ކަމަށާއި ހަށިގަނޑުގެ އެތެރެއަށް އެޅިފައިވާ ލޭތައް ބޭރުކުރުމަށްޓަކައި ހޮޅިއެއް ވެސް ލައްވާފައިވާ ކަމަށެވެ. އަދި ބުނީ ޖިހާދުގެ ހާލު ސީރިއަސް ވެފައިވާތީ އޭނާގެ އިތުރަށް ފަރުވާ ދިނުމަށް އައްޑޫއަށް ގެންދިއުމުގެ މަސައްކަތް މިހާރު އާއިލާއިން ފަށާފައިވާ ކަމަށެވެ.

މި ހަމަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ މި ހަމަލާއާ ބެހޭ ގޮތުން ފުލުހުން ބަލަންޖެހޭ ކަންތައްތައް ބަލައި ތަހުގީގު ފަށާފައިވާ ކަމަށާއި އިތުރު މާރާމާރީއެއް އަޔަށް ނުދިނުމަށް ފުލުހުންގެ ފުވައްމުލަކުގެ ތެރޭގައި ހަރަކާތެތެރިވާން ފަށާފައިވާ ކަމަށެވެ.

(ތަފުސީލު އަންނަނީ)