މޮސްކޯ (ޑިސެމްބަރު 29) : ރަޝިޔާއިން ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަތުމުގެ ލަނޑުދަނޑި ވަރަށް ކުޑަ ޚަރަދަކުން ހާސިލްކޮށްފި ކަމަށާ ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން ބައްޝާރުގެ ވެރިކަމުގެ ނިޒާމް ވަރުގަދަވެފައިވާ ކަމަށް އެމެރިކާ ގެ މަސްއޫލުވެރިން ވިދާޅުވެއްޖެއެވެ.

ރޮއިޓާސް އަށް ދެއްވި ބަސްދީގަތުންތަކެއްގައި އެމެރިކާގެ މަސްއޫލުވެރިން ގެ ފަސް ބޭފުޅަކު ވިދާޅުވީ ރަޝިޔާއިން ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަތުމުގެ މައި ލަނޑުދަނޑިއަކީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ބަލިކަށިވެފައިވަނިކޮށް އެނިޒާމު ވަރުގަދަކުރުން ކަމަށާ މިކަން ވަރަށް ކުޑައަގެއްގައި ވަރަށް ކުރުމުއްދަތެއްގައި ރަޝިޔާއިން ޙާސިލްކޮށްފި ކަމުގައެވެ.

ނަންހާމަކުރަން ނޭދޭ މިފަސް މަސްއޫލުވެރިންވެސް ވިދާޅުވީ ސޫރިޔާއަށް ވަދެގަތުމުގެ ސަބަބުން ރަޝިޔާއަށް މާބޮޑުގެއްލުމެއް ނުލިބޭކަމަށާ ރަޝިޔާގެ ސިފައިންގެ ދެތިންމީހުން މެނުވީ ސޫރިޔާގައި މަރުވެފައިނުވާ ކަމުގައެވެ.

އަދި ރައީސް ބައްޝާރުގެ ސަރުކާރުގެ ބާރު ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން ވަރަށް ބޮޑަށްގަދަވެ ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ރަޝިޔާއިން ބޮޑެތި ގެއްލުންތަކެއްދީ އެޖަމާއަތްތައް ނިކަމެތިކޮށްލުމުގައި ކުރުމުއްދަތެއްގައި ރަޝިޔާ ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ކަމަށްވެސް މިބޭފުޅުން ދެކެވަޑައިގަންނަވައެވެ.

އެމެރިކާގެ އިސްމަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ފާއިތުވި ތިންމަސް ތެރޭގައި ރަޝިޔާއިންވަނީ އެގައުމުން އުފެއްދި އައު ޓެކްނޮލޮޖީގެ ހަތިޔާރުތައް އަމަލީގޮތުން ތަޖްރިބާކުރުމުގައިވެސް ރަނުގެ ފުރްސަތެއް ހޯދާފައެވެ. އަދި ރަޝިޔާއަށް ލިބިފައިވާ އަސްކަރީ ބާރާއި ސަލާމަތީ މަޖިލީހުގައި ލިބިފައިވާ ވީޓޯގެ ބާރުގެ ބޭނުންކޮށްގެން ސޫރިޔާގައި ރަޝިޔާއިން އެގައުމުގެ މަގްސަދު ޙާސިލްކޮށްފައިވަނީ ބުއްދިވެރިކަމުގެ އިތުރުން މަކަރުވެރިގޮތެއްގައި ކަމަށްވެސް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ރަޝިޔާއިން ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަތީ އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގައެވެ. ނަމަވެސް ރަޝިޔާއިން ސޫރިޔާގައި ބޮޑަށް ހަމަލާދީފައިވަނީ އައިއެސްގެ އަމާޒުތަކަށްވުރެ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ މެދުމިނުގެ ޖަމާއަތްތަކުގެ އަމާޒުތަކަށްކަން އެމެރިކާގެ އިތުރުން ޔޫރަޕްގެ ގައުމުތައްވެސް ފާހަގަކޮށްފައިވެއެވެ. ރަޝިޔާ ސޫރިޔާއަށް ވަދެގެންފައިވަނީ އިތުރު އަސްކަރީ ބަޖެޓަކާނުލައެވެ. މީގެއިތުރުން ރަޝިޔާ ސޫރިޔާއަށް ވަދެގެންފައިވަނީ ހުޅަނގުގެ ގައުމުތަކުން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި ތެލުގެ އަގު ދަށަށްދިޔުމުގެ ސަބަބުން ރަޝިޔާގެ އިގްތިސާދަށް ބޮޑެތި މައްސަލަތަކެއްވެސް ކުރިމަތިވެފައިވާ ދުވަސްވަރެއްގައެވެ.

އެހެންކަމުން ސޫރިޔާގައި ރަޝިޔާ ހިންގާފައިވާ އަސްކަރީ ހަރަކާތްތަކަށް ޚަރަދުކޮށްފައިވަނީ އެގައުމުން މިއަހަރަށް ކަނޑައަޅާފައިވާ އަސްކަރީ ބަޖެޓުން ކަމަށާ މިއީ މިފަދަ ކަންކަން ބޮޑުޚަރަދަކުން ކުރުމަށް އާދަވެފައިވާ އެމެރިކާ އަށް ކުރަން ދަތިކަމެއްކަމަށް އެމެރިކާގެ މަސްއޫލުވެރިން ފާހަގަ ކުރައްވާފައިވެއެވެ. (ނޫސްއެޖެންސީތައް)