ލިބިފައިވާ ޖިންސީ އަނިޔާތަކާ ގުޅިގެން އައިޖީއެމްްއެޗުގެ އަސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމުގެ އޮޓޯޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ގެންދަން ފުލުހުން ނިންމައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ 'ސަން' އަށް ވިދަޅުވީ ޒިޔާދާގެ އޮޓޯޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖޭން ބެރަށް ގެންދަން ފުލުހުން ނިންމާފައިވާ ކަމަށެވެ. ގެންދާނީ ކޮން ގައުމަކަށް ކަމާމެދު މަޝްވަރާކުރެވެމުން ދާކަމަށްވެސް އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ މީގެކުރިން ޖިންސީ އަނިޔާކުރި މައްސަލައެއްގެ ގޮތުގައި އެމައްސަލަ ބަލަމުން ދިޔަ ނަމަވެސް މިހާރު އެމައްސަލަ ބަލަމުން ދަނީ މަރުގެ މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓްމެންޓުން ކަމަށެވެ.

އޮޓޯޕްސީއަކީ މަރުވިއިރު މީހާއަށް ލިބިފައި ހުރި އަނިޔާ ދެނެގަތުމަށެވެ. މީގެ ކުރިން އޮޓޯޕްސީ ހަދާފައި ވަނީ ޖަލުގައި ހިނގާ ދިޔަ ހާދިސާއެއްގައި ހުސައިން ސޮލާހުގެ އެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޮޓޯޕްސީ ހެދުން ކޮންމެހެން ބޭނުންކަމަށް ފުލުހުން އާއިލާއަށް އަންގާފައިވާ ކަން ވަނީ އެނގިފަ އެވެ. އެހެން އަންގާފައި ވަނީ ޒިޔާދާ ހޮސްޕިޓަލުގައި އޮތް އިރުވެސް ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އޭނާގެ ހާލު ހުރިގޮތުން ސާފު ނުވުމުންނެވެ.

ޒިޔާދާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމުތުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު 40 ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު މިހާރު ވަނީ ތިން ވަނަ ފަހަރަށް އިތުރުކޮށްފަ އެވެ.