29 Dec 2015, 14:35
ސާފު ސުޒުކީ ކަޕްގެ ސެމީ ފައިނަލްގައި އިންޑިއާއާ ދެކޮޅަށް ދިވެހި ގައުމީ ޓީމު ކުޅޭ މެޗު ބެލުމަށް އަގުހެޔޮކޮށް ދިވެހި ސަޕޯޓަރުންނަށް ޓުރިވެންޑަރަމަށް ދެވޭނެ އިންތިޒާމް އެފްއޭއެމްއާ ގުޅިގެން އައިލެންޑްއޭވިއޭޝަނުން ހަމަޖައްސައިފިއެވެ.
އެފްއޭއެމް ގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ އިދާރާގެ ނޯމެލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވީ އެގޮތަށް ހަމަޖެއްސީ އައިލެންޑްއޭވިއޭޝަނާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
އާންމުކޮށް މާލެއިން ޓްވެންޑްރަމަށް މޯލްޑިވިއަންގެ ފްލައިޓެއްގައި ދަތުރުކުރެވޭ އަގަކީ ކޮޅަކަށް 131 ޑޮލަރެވެ. އެހެންކަމުން ދެކޮޅު ޓިކެޓަށް 263 ޑޮލަރުއަރައެވެ.
ނަމަވެސް ސަޕޯޓަރުން ގެންދާއިރު ދެކޮޅު ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ 150 ޑޮލަރަށެވެ.
"ރާއްޖޭގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ސަޕޯޓަރުން މިދަނީ ގައުމީ ޓީމަށް ސަޕޯޓްކުރަން އިންޑިއާއަށް ދިއުމަށް އެދެމުން. އެހެންވެ އަޅުގަނޑުމެން މި ހަމަޖައްސައި ދިނީ ސަޕޯޓަރުންނަށް ފަސޭހަ ކަމާއި އެކު ޓްރެވެންޑްރަމް އަށް ދެވޭނެ ގޮތް،" ޝަވީދު ވިދާޅުވިއެވެ.
ސާފް ސުޒުކީ ކަޕްގެ ސެމީފައިނަލްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގައެވެ.
ސެމީ ފައިނަލް މެޗަށް ސަޕޯޓަރުން ޓްރިވެންޑްރަމަށް ގެންދާ ފުލައިޓް މިރޭ 9:45 ގައި ފުރާނެއެވެ.
ފައިނަލަށް ގޮސްފިނަމަ ހަތަރު ފްލައިޓެއްގައި ދިވެހި ސަޕޯޓަރުން ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 3:15 ގައި ފުރަތަމަ ފުލައިޓު ފުރާއިރު ދެވަނަ ފުލައިޓު އެރޭ 7:45 ގައި ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ތިން ވަނަ ފުލައިޓު ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 6:00 ގައެވެ. އަދި ސަޕޯޓަރުން ގެންދާ ހަތަރު ވަނަ ފްލައިޓ ފުުރަންހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 8:40 އެވެ.
ޝަވީދު ވިދާޅުވީ ސަޕޯޓަރުންގެ ތެރެއިން އެކަމޮޑޭޝަން ބޭނުންވާ ފަރާތްތަކަށް ހެޔޮއަގުގައި އެކަމޮޑޭޝަން ހަމަޖެއްސުމަށް ވެސް އެފްއޭއެމް އިން ނިންމާފައިވާ ކަމަށެވެ.
ގައުމީ ޓީމު މި ވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި މިހާރު ގައުމީ ޓީމަށް ބޭނުންވަނީ ސަޕޯޓަރުންގެ ފުރިހަމަ ތަރުހީބު ކަމަށް ޝަވީދު ވިދާޅުވިއެވެ.
ގައުމީ ޓީމުން މިހާ ތަނަށް ހަތަރު މެޗު ކުޅިފައިވާ އިރު އެއް މެޗަށް ވުރެން އަނެއް މެޗަށް ވަންނަ ދިވެހި ސަޕޯޓަރުންގެ އަދަދު ވަނީ އިތުރު ވެފައެވެ.
ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން އަންނަނީ އެ ސްޓޭޓުގައި އުޅޭ ދިވެހީންނަށް ފަސޭހައިން ޓިކެޓު ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.