29 Dec 2015, 14:29
ޕެރިސް (ޑިސެމްބަރ 29): މިއަހަރުތެރޭގައި މުޅި ދުނިޔެއިން 110 ނޫސްވެރިން ގަސްތުގައި މަރާލާފައިވާ ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)އިން މިއަދު ނެރުނު ރިޕޯޓެއްގައިވެ އެވެ.
މަރާލި ނޫސްވެރިންގެ ތެރެއިން 67 ނޫސްވެރިން މަރާލާފައި ވަނީ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ނުވަތަ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާތީ އެވެ. މިއަހަރު މަރާލި 67 ނޫސްވެރިންނާ އެކު 2005 އިން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ ސަބަބުން މަރާލާފައިވާ މީހުންގެ އަދަދު 787ށް އަރަ އެވެ.
މި އަހަރު ތެރޭގައި މަރާލާލި އިތުރު 43 ނޫސްވެރިން މަރާލާފައިވާ ސަބަބު ޔަގީންވެފައެއް ނުވެ އެވެ. އޭގެތެރޭގައި ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ 27 "ސިޓިޒެން ޖާނަލިސްޓުން"ނާއި މީޑިއާގައި މަސައްކަތް ކުރާ ހަތް މީހަކު ހިމެނެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން މަރާލާފައިވާ ނޫސްވެރިންގެ އަދަދު އިތުރުވެފައި ވަނީ ނޫސްވެރިންނާ ދެކޮޅަށްދޭ ހަމަލާތަކުގެ ސަބަބުންނާއި އެފަދަ ހަމަލާތަކުން ނޫސްވެރިން ރައްކާތެރިކުރުމަށް ޔޫއެން ފަދަ ޖަމާއަތްތަކުން އަޅާފައިވާ ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާ ނުލިބުމުގެ ސަބަބުންނެވެ.
މިދިޔަ އަހަރު މުޅި ދުނިޔެ އިން މަރާލި ނޫސްވެރިންގެ ތެރެއިން ތިން ބައިކުޅަ ދެބައި ނޫސްވެރިން މަރާލާފައި ވަނީ ހަނގުރާމަވެރި ސަރަހައްދުތަކުގަ އެވެ. ނަމަވެސް މި އަހަރު އެ އަދަދަށް ނޫސްވެރިން މަރާލާފައި ވަނީ "ސުލްހަވެރި" ގައުމުތަކުގަ އެވެ. އެގޮތުން ނޫސްވެރިންނަށް ތިން ވަނައަށް އެންމެ ނުރައްކާތެރި ގައުމުގެ ގޮތުގައި އާރްއެސްއެފްގެ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ފްރާންސެވެ.
ރިޕޯޓުގައިވާ ގޮތުން ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމަކީ އިރާގެވެ. އިރާގުގައި މިއަހަރު ތެރޭގައި 11 ނޫސްވެރިން މަރާލާފައިވެ އެވެ. އަދި ދިހަ ނޫސްވެރިންގެ ގަތުލާ އެކު ދެވަނައިގައި އޮތީ ސީރިޔާ އެވެ. (އޭއެފްޕީ)