29 Dec 2015, 13:50
އެމެރިކާގެ އޯޝެނިއާ ކްރޫސަސް ގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ "ނޯޓިކާ" ނަމަކަށް ކިޔާ ލަގްޒަރީ ކްރޫޒް ލައިނާއެއް މިއަދު މާލެއަށް ބަނދަރުކޮށްފި އެވެ.
ގިނަ އަދަދެއްގެ ކްރޫޒް ލައިނާ އޮޕަރޭޓްކުރާ އޯޝަން ކްރޫސަސްގެ ދަށުން 2006 ވަނަ އަހަރުން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ އެ ކްރޫޒް ލައިނާ އަކީ އެއްފަހަރާ ގާތްގަނޑަކަށް 680 އަށްވުރެ ގިނަ ފަސިންޖަރުން އުފުލުމުގެ ގާބިލުކަން ލިބިފައިވާ ކްރޫޒް ލައިނާއެކެވެ.
ރާއްޖެއަށް ބޮޑެތި ކްރޫޒްލައިނާތަކާއި ސުޕަ ޔޮޓުތަކާއި މަތީފަންތީގެ އެކިމީހުން ގެންނަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) ގެ އޮފިޝަލަކު ވިދާޅުވީ ސީޝެލްސް އިން ފުރައިގެން އައި އެ ކްރޫޒް ލައިނާ މާދަމާ އިރުއޮއްސި 6:00 ގައި ކޮލަމްބޯ އަށް ފުރާނެ ކަމަށެވެ. އަދި އެއިން ގާތްގަނޑަކަށް 500 ޓޫރިސްޓުން މިއަދު މާލެއަށް ފައިބާނެ ކަމަށެވެ.
ކްރޫޒްލައިނާތައް ރާއްޖެއަށް އައުމުން ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަދި އާންމުންނަށް ގިނަ ފައިދާތަކެއް ލިބެ އެވެ. އެގޮތުން ސުވެނިއާ ޝޮޕްތަކުން އެމީހުން ގިނަ އަދަދަކަށް ވިޔަފާރި ކުރާއިރު މާލެއަށް ފައިބާ ޓޫރިސްޓުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ދަތުރުވެރިންގެ މާރުކާޓުން ވެސް ވިޔަފާރި ކުރަމުންނެވެ.
މި ދުވަސްވަރަކީ ޓޫރިޒަމްގެ ހައި ސީޒަނަށްވާ އިރު މިމަހު ކުރީކޮޅު ވެސް ބޮޑު ކްރޫޒްލައިނާއެއް ވަނީ ގާތްގަނޑަކަށް 700 ފަތުރުވެރިންނާ އެކު ރާއްޖެއަށް އައިސްފަ އެވެ. އެ ކްރޫޒް ލައިނާ އަކީ އެމެރިކާގެ ރިޖެންޓް ސެވަން ސީސް ކުންފުނީގެ ލަގްޒަރީ ކްރޫޒް ލައިނާއެކެވެ.
އަންނަ ޖެނުއަރީ މަހުވެސް ކްރޫޒް ލައިނާއެއް ރާއްޖެއަށް އަންނަން ހަމަޖެހިފައިވާ ކަމަށް މާޔާ އިން މައުލޫމާތުދެ އެވެ.
އެމެރިކާގެ އޯޝެނިއާ ކްރޫސަސް އިން ޖުމްލަ ހަ ކްރޫޒް ލައިނާއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް އޮޕަރޭޓްކުރެ އެވެ. އޭގައި 800 ފަތުރުވެރިން އުފުލޭވަރުގެ ތިން ކްރޫޒް ލައިނާ ހިމެނެ އެވެ.
މިއަދު ރާއްޖެއަށް އައި ކްރޫޒް ލައިނާއަށް ވަނީ 2008 ވަނަ އަހަރު ގަލްފް އޮފް އަދަން ކަނޑުއޮޅިން ދަތުރު ކުރަނިކޮށް ޕައިރޭޓުންގެ ހަމަލާއަކާ ކުރިމަތިވެފަ އެވެ. ނަމަވެސް އެ ފަހަރު އެއްވެސް ފަތުރުވެރިއަކަށް ގެއްލުމެއް ނުވެ އެ ކްރޫޒް ލައިނާ ވަނީ ސަލާމަތްވެފަ އެވެ.