އަހުމަދު ނާއިފު އަދި ހުސައިން ހަސަން

ޑޮލަރުގެ މައްސަލައިގާ ޑީއާރުޕީގެ ދެ ފެކްޝަނުން މާލޭގެ މަގުތަކުގައި މިރޭ މުޒާހަރާ ކޮށްފި އެވެ.
ޑޮލަރު ގަނެ ވިއްކާ އަގަށް މި ހަފުތާގައި ގެނައި ކުއްލި ބަދަލާއިއެކު ބާޒާރުގައި ތަކެތީގެ އަގުތަށް އުފުލި ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ ތަސްމީން ފެކްޝަނުން ބޭއްވި މުޒާހަރާ ފެށީ މިރޭ 9:00 ޖެހިއިރު އާޓިފިޝަލް ބީޗުންނެވެ. އަދި އެ ޕާޓީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމަށް ނިސްބަތްވާ ފެކްޝަނުން މިރޭ މުޒާހަރާއަށް ނުކުތީ ސުނާމީ ބިނާ ސަރަހައްދުން 9:15 އެހާކަން ހާއިރު އެވެ.

އެއް މަގުސަދެއްގައި ޑީއާރްޕީގެ ދެ ފެކްޝަނުން މަގުމައްޗަށް ނުކުތް އިރު ތަސްމީން ފެކްޝަނުގެ މުޒާހަރާގެ ބައިވެރިންނަށް ވުރެ މައުމޫން ފެކްޝަނުގެ މުޒާހަރާގެ ބައިވެރިން ބޮޑުތަނުން އިތުރެވެ. އެގޮތުން ތަސްމީން ފެކްޝަނުގައި 50 ހަކަށް މީހުން ތިބިއިރު މައުމޫން ފެކްޝަނުގައި 500 އެއްހާ މީހުން ބައިވެރިވެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިއެވެ.

ޑޮލަރުގެ މައްސަލައިގައި ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން ދިޔަ ތަސްމީން ފެކްޝަނުގެ މަދު ބައިވެރިން މަޖީދީމަގުން ގޮސް ރައީސް ނަޝީދަށް ސިޓީއެއް ހަވާލުކުރުމަށް ކަމަށް ބުނެ އަލިކިލެގެފާނު މަގުން މުލިއާގެ ދޮށަށް ދާން މަސައްކަތް ކުރި އެވެ. ޑީއާރްޕީގެ އެއް ނައިބު ލީޑަރު އަލީ ވަހީދު އިސްކޮށް ހުންނަވައިގެން ގާތްގަނޑަކަށް ބައިގަޑިއެއް ހާއިރު ވަންދެން އެ ސަރަހައްދުގައި ތިބެ ފުލުހުންނާ ކުރިމަތިލާ މުލިއާގެ ދޮށައް ދާން މަސައްކަތް ކުރި އެވެ.

އޭގެ އިރުކޮޅެއް ފަހުން ފުލުހުންނާ އަލީ ވަހީދާ ދެމެދު ދެކެވުނު ވާހަކަތަށް ފަހު ރައީސް ނަޝީދަށް ރައްދުކުރަން ބޭނުންވާ ސިޓީ ރައީސް އަށް އެރުވުމަށް މުލިއާގެ ދޮށައް ފުލުހުންގެ ބެލުމުގެ ދަށުން އަލީ ވަހީދާއި ގައުމީ ޕާޓީގެ ނައިބު ރައީސް އިމާދު ސޯލިހް މުލިއާގެ ދަށައް ގެންދިޔުމަށް ފުލުހުން އެއްބަސްވި އެވެ.

ނަމަވެސް ފުލުހުން އެ ދެ ބޭފުޅުން މުލިއާގެ ދޮށައް ގެންދަން އެއްބަސްވީ އެ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިން ފޮނުވާލުމަށް ވައުދު ވުމުންނެވެ. ނަމަވެސް ރައީސަށް އަރުވަން ބޭނުންފުޅުވި ސިޓީ އާއެކު އަލީ ވަހީދާއި އިމާދު ސޯލިހު މުލިއާގެއަށް ނުގެންގޮސް ފުލުހުން ގެންދިޔައީ ފުލުހުންގެ އިދާރާއަށެވެ. އެތަނުން އެސިޓީ ފުލުހުންނާ ހަވާލު ކުރުމަށް ފަހު ތަސްމީން ފެކްޝަނުގެ މުޒާހަރާ ނިންމާލީ މިރޭ 11:00 ޖެހުމާއި ގާތްވެފައި ވަނިކޮށެވެ.

ތަސްމީން ފެކްޝަނުން ކުރި މުޒާހަރާގައި ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް، މައުމޫން ފެކްޝަނުން ކުރި މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިގާފައެއް ނުވެ އެވެ. ގިނަ ބައިވެރިންނާއެކު ސުނާމީ ބިނާ ކައިރިން ފެށި ހިނގާލުން މުޒާހަރާއަކަށް ބަދަލުކޮށް މަގުތަކަށް ނުކުމެ ބޮޑު ތަކުރުފާނު މަގުން މަޖީދީ މަގުން އިރަށް މިސްރާބު ޖެހިއިރު، ތަސްމީން ފެކްޝަނުގެ ބައިވެރިން މަޖީދީމަގާއި އަލިކިލޭގެ ފާނު މަގުގައި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިންގަމުންދާތީ މިސްރާބު ބަދަލުކޮށް އެކި މަގުތަކުގައި މުޒާހަރާ ކުރުމަށް ފަހު ސުނާމީ ބިނާ ކައިރިއަށް މުޒާހަރާ ނިންމާލީ އެވެ.

ޕޯސްޓަރުތަކާއި ޑީއާރްޕީގެ ދިދަތައް ހިފައިގެން ތިބި މައުމޫނުގެ ސަޕޯޓަރުން މިރޭގެ މުޒާހަރާގައި ބުނެފައި ވަނީ "ސަރުކާރުން ވެފައިވާ ވައުދުތައް ގިނަކޮށް ޑޮލަރުގެ އަގު ބޮޑު ކުރުމުން ރައްޔިތުން އިނދަޖެހިފައި" ވާ ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ރައީސް ނަޝީދަށް ނުފުއްދޭ ކަމަށްވާނަމަ އެމަނިކުފާނު އިސްތިއުފާދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލި އެވެ.

މިރޭގެ މައުމޫން ފެކްޝަނުން ކުރި މުޒާހަރާގައި ޑީއާރުޕީން ވަކިކޮށްފައިވާ އުމަރު ނަސީރާއި އެ ޕާޓީގެ އެއް ނައިބު ލީޑަރު އިލްހާމް އަހުމަދުގެ އިތުރުން ޑީއާރްޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ބައިވެރިވެވަޑައިގަތެވެ.

---
ޑޮލަރުގެ ރޭޓަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޑީއާރްޕީގެ ދެފެކްޝަނުން ހިނގާލުމެއްގެ ނަމުގައި ވަކިވަކިން ނުކުމެ ކުރި މުޒާހަރާ ނިންމާލައިފި އެވެ.

22:56 އަލީ ވަހީދާއި އިމާދު ސޯލިހު ފުލުހުންގެ ބަހުގައި ފުލުސް އޮފީހަށް ވަޑައިގެން، އެ ސިޓީ ފުލުހުންނާ ހަވާލުކޮށްފި އެވެ. އަދި ހިނގާލުން ނިންމާލިކަން އިއުލާންކޮށްފި އެވެ.

22:53 އަލީ ވަހީދާއި އިމާދު ސޯލިހު ގޮވައިގެން ފުލުހުންގެ ބަސް މުލީއާގޭ ދިއުމަށް ނައްޓާލި ނަމަވެސް، އެދެބޭފުޅުން ގޮވައިގެން ފުލުހުންގެ ބަސް މުލިއާގެ ކައިރިއަށް ނާދެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އަހްމަދު ޝިޔާމް ވިދާޅުވީ، "އެދެބޭފުޅުން އެދިވަޑަގެންނެވި ތަނަކަށް" ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް، އަލީ ވަހީދާއި އިމާދު އެ ބަހަށް އަރާވަޑައިގަތީ ރައީސް ނަޝީދަށް ސިޓީއެއް ހަވާލުކުރައްވަން ވެގެން މުލިއާގޭ ދޮށަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވެފަ އެވެ.

22:40 މަޖީދީމަގުން ކުރިއަށްދިޔަ މައުމޫން ފެކްޝަނުގެ ހިނގާލުމުގެ ބައިވެރިން ޗާނދަނީ މަގުން ލައިފަ އަމީނީމަގަށް އަރަން މިސްރާބު ޖަހައިފި އެވެ.

22:37 ހިނގާލުމުގެ ބައިވެރިން ގެއަށް ފޮނުވާލަން ޝަރުތުކޮށް، މުލިއާގެއާ ހިސާބަށް އަލީ ވަހީދާއި އިމާދު ސޯލިހު ފުލުހުންގެ ބަހުގަ ގެންގޮސްދޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި ނޫސްވެރިޔާ ބުނެފި އެވެ. ނަމަވެސް، އަދި އެ ދެބޭފުޅުން ފުލުހުންގެ ބަހަކަށް ނާރަ އެވެ.

22:28 ޑީއާރްޕީގެ ހިނގާލުމުގެ ބައިވެރިން އަދިވެސް ތިބީ މަޖީދީ މަގާއި އަލިކިލޭގެ ފާނު މަގާ ގުޅުނު ހިސާބު ކަންމަތީގަ އެވެ. ފުލުހުން ތިބީ އެ މަގު ބަންދުކޮށްގެންނެވެ. ފުލުހުންގެ ސަފުތައް ރޫޅާލުމަށް ވެސް ބައެއް ބައިވެރިން މަސައްކަތްކުރި އެވެ. ނަމަވެސް އެކަން ކުރެވޭ ގޮތެއް ނުވި އެވެ.

މިހާރު އަލީ ވަހީދާއި ގައުމީ ޕާޓީގެ އިމާދު ސޯލިހު ފުލުހުންނާ ވާހަކަދައްކަމުންދާ ކަމަށް އެ ސަރަހައްދުގައި ހުރި ނޫސްވެރިޔާ ބުނެ އެވެ.

މައުމޫން ފެކްޝަނުގެ ހިނގާލުމުގެ ބައިވެރިން މިހާރު ތިބީ މަޖީދީމަގުގަ އެވެ. އެމީހުންގެ މިސްރާބު ހުރީ އާޓިފިޝަލް ބީޗާ ދިމާއަށެވެ.

21:50 ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ހަވާލުކުރަން ކަމަށް ބުނެ ޑީއާރްޕީގެ ހިނގާލުން މުލީއާގެއާ ދިމާއަށް މިސްރާބު ޖަހައިގެން ކުރިއަށްދަނިކޮށް، ފުލުހުން އެ ހިނގާލުމުގެ ބައިވެރިން ހުއްޓުވައިފި އެވެ. އެ ހިނގާލުމުގެ ބައިވެރިން މަޖީދީމަގުން ގޮސް އަލިކިލޭގެފާނު މަގަށް އަޅަން އުޅުމުން ފުލުހުން ވަނީ ޝީލްޑް ބޭނުންކޮށްގެން އެ މަަގަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. ހިނގާލުމުގެ ބައިވެރިން އަލިކިލޭގެފާނު މަގާއި މަޖީދީމަގާ ގުޅުނު ކަންމަތީގައި މަޑުކޮށްގެން ތިބެ، އަޑުގަދަކުރަމުން އެބަ ދެ އެވެ.

އެތަނުގައި ހުރި ސަންގެ ނޫސްވެރިޔާ މައުލޫމާތުދޭ ގޮތުގައި ޑީއާރްޕީގެ ޑެޕިއުޓީ ލީޑާ އަލީ ވަހީދު ވިދާޅުވަނީ، އެ ސިޓީ ރައީސް ނަޝީދާ ހަވާލުކުރެއްވުމަށްފަހު ހިނގާލުން ނިންމާލާނެ ކަމަށެވެ.

މައުމޫން ފެކްޝަނުގެ ހިނގާލުން އެއްވެސް ހުރަހެއް ނެތި އަމީނީ މަގުން ކުރިއަށް އެބަ ދެ އެވެ.


21:30 ޑޮލަރުގެ އަގު ސަރުކާރުން ބޮޑުކުރި މައްސަލައާ ގުޅިގެން އިދިކޮޅު މައި ޕާޓީގެ ދެ ފެކްޝަނުން ބާއްވާ ހިނގާލުން މީގެ ކުޑައިރުކޮޅެއް ކުރިން ފަށައިފި އެވެ.

މިރޭ އެއް ވަގުތެއްގައި ފަށައިފައިވަނީ ޑީއާރްޕީގެ ލީޑާ އަހްމަދު ތަސްމީން އަލީއަށް ތާއީދުކުރައްވާ އެޕާޓީގެ މެމްބަރުންގެ ހިނގާލުމާއި އަދި ޕާޓީގެ ލީޑާޝިޕަށް ތާއީދުނުކުރާ ނުވަތަ ޒައީމް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުގެ ހިނގާލުމެވެ.

މައުމޫން ފެކްޝަނުގެ ހިނގާލުމުގެ ބައިވެރިން ސުނާމީ ބިނާ ކައިރިން ފެށިގެން އަމީނީ މަގުން ހިނގައިފަ ދާއިރު އަނެއް ހިނގާލުން ކުރިއަށްދަނީ ޑީއާރްޕީ އޮފީސް ކައިރިން ފަށައިގެން މަޖީދީ މަގުންނެވެ.

ޑޮލަރު ވިއްކާ ރަސްމީ ރޭޓަށް ސަރުކާރުން ގެނައި ބަދަލުން ރައްޔިތުންނަށް ވޭން ތަހަމްމަލް ކުރަންޖެހިފައިވާ ކަމަށް ބުނެ، މައުމޫން ފެކްޝަނުން ކުރިން މަގުމައްޗަށް ނުކުންނަން އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. ހަމަ އެ މައްސަލައަށް އަމާޒުކޮށް ލީޑަރު ތަސްމީން ބާއްވަވާ ހިނގާލުން ތާވާލުކޮށްފައި އޮތީ މިރެއަށެވެ.

މައުމޫން ފެކްޝަންގެ ހިނގައިލުން އަވަސްކޮށް މިރެއަށް ހަމަޖެއްސުމުން ޑީއާރްޕީގެ ދެފެކްޝަނުގެ ވާދަވެރިކަމުގެ އަސަރު މިއަދު މާލޭގެ މަގުތަކުން ފެންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.