29 Dec 2015, 12:26
ބަނގުރާ ކެއްކި ކަމުގެ ތުހުމަތުގައި ތިން މީހަކު ބަނގުރަލާ އެކު ގދ. ވާދޫން ހައްޔަރު ކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 23 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރު ކޮށްފައި ވަނީ ވާދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ވާދޫ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ މީހުން ހައްޔަރު ކުރުމަށް ފަހު އެ ގެ ބަލައި ފާސް ކުރި އިރު، ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 500 މިލި ލީޓަރުގެ ފުޅިއަކާއި ގްރެނިނީ ބްރޭންޑުގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، އެގެއަށް ދިޔަ އިރު ވެސް އެ ގޭގެ ބަދިގޭގައި ބަޔަކު ބަނގުރާ ކެއްކުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 30 އަހަރުގެ މީހާ އަކީ މަސްތުވާތަކެތީގެ މައްސަލަ އާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ބަދުއަހުލާގީ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
އަދި 29 އަހަރުގެ މީހާ އަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ މައްސަލަ ގދ.ވާދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.