އިނގިރޭސި ޕްރިމިއާ ލީގްގައި ޗެލްސީއާއި މެންޗަސްޓާ ޔުނައިޓެޑް ކުޅުނު މެޗު 0-0ގެ ނަތީޖާ އަކުން އެއްވަރު ވެގެން ނިމެއްޖެ އެވެ.

އިނގިރޭސި ލީގްގައި ގަދަ ދެ ބާރުގެ ގޮތުގައި އޮތް މި ދެ ޓީމަށް މި ސީޒަނުގައި ވަނީ ރަނގަޅު ކުޅުމެއް ނުދެއްކި ގިނަ ބައެއްގެ ފާޑުކިޔުން ތަށް އަމާޒުވެފަ އެވެ. އެ ގޮތުން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މަޑުމަޑުން އެ މީހުންގެ ކުޅުން ރަނގަޅުކޮށް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިނުވެ މަޑުމަޑުން އެ މީހުންގެ ކުރީގެ ފޯމަށް އެޅެމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ޗެލްސީއާއި މެންޗަސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު އެ މެޗުގައި އެ ޓީމުން ވަނީ ޗެލްސީއަށް ވުރެން ރަނގަޅަށް ކުޅެ މެޗުގެ ނަތީޖާ ބަދަލުކޮށްލަން ގިނަ މަސަތްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް އެންމެ ފަހުން ލީގްގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާ ޔުނައިޓެޑަށް ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތް ނުވެފަ އެވެ.

ޗެލްސީގެ ކޯޗު ކަމާއި ގޫސް ހިޑިންކް ހަވާލިވި ފަހުން ކުޅުނު ދެ މެޗުން ވެސް އެއްވަރު ވެފައިވާ އިރު އޭނާ ބުނީ ޗެލްސީގެ ފަރާތުން ފެނިފައި ވަނީ އާދައިގެ ކުޅުމެއް ކަމަށާއި ބޮޑެތި ޓީމުތަކާ ކުޅޭ އިރު އެ ކުޅުންތެރެންގެ އެންމެ ރަނގަޅު ފެންވަރު ދައްކަން ޖެހޭނެ ކަމަށެވެ.

"ކުޅުންތެރިންގެ ފަރާތުން ފެނިފައިވާ ކުޅުމާ ދޭތެރޭގައި ހިތް ހަމަޖެހޭ. ނަމަވެސް މި އަށް ވުރެން ވެސް ރަނގަޅު ކުޅުމެއް ދައްކަން އިބަ ޖެހޭ. ސަޕޯޓަރުން އުފާވާކަހަލަ ރަނގަޅު ކުޅުމެއް ކުރިއަށް އޮތްތާންގައި ޓީމުގެ ފަރާތުން ފެނިގެން ދާނެ،" ހިޑިންކް ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ޗެލްސީއާއި މެންޗަސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް ލުއިސް ވެންހާލް ބުނީ ރޭގެ މަޗުގައި އޭނާގެ ޓީމުގެ ފަރާތުން ފެނުނު ކުޅަމަށް ތައުރީފް ހައްގު ކަމަށާއި ނަސީބު އެހީ ނުވުމުން ލަނޑެއް ނުޖެހުނީ ކަމަށެވެ.

"މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ އަހަރެމެން. ގިނަ ހަމަލާތަކެއް ވެސް އުފެއްދިން. ޗެލްސީ ކަހަލަ ބޮޑު ޓީމަކާ ދެކޮޅަށް އެ ދެއްކީ ވަރަށް މޮޅު ކުޅުމެއް. ކުޅުންތެރިންގެ ފަރާތުން ވެސް ވަރަށް ބޮޑަށް ފެނިގެންދިޔަ މޮޅުވުމަށް މަސަތްކަތް ކުރި ތަން،" ވެން ހާލް ބުންޏެވެ.

ރޭގެ މެޗަށް ފަހު ކުޅުނު 19 މެޗުން 30 ޕޮއިންޓް ލިބިގެން ޔުނައިޓެޑް ހަ ވަނާގައި އޮތް އިރު ޗެލްސީ އޮތީ 19 މެޗުން 20 ޕޮއިންޓް ލިބިގެން ތާވަލުގެ 14 ވަނާގަ އެވެ.