29 Dec 2015, 12:13
ބެއިޖިން (ޑިސެމްބަރ 29): ގެވެށި އަނިޔާއާ ދެކޮޅަށް ޗައިނާގެ ގާނޫނު ހަދާ މަޖިލީހުން ފުރަތަމަ ފަހަރަށް ގާނޫނެއް ފާސްކޮށްފި އެވެ.
މިއަންނަ އަހަރުގެ މާޗު މަހުން ފެށިގެން އަމަލުކުރަން ފަށާނެ އެގާނުނުގައި ގެވެށި އަނިޔާ ސިފަކޮށްފައި ވަނީ، "އާއިލާގެ ފަރާތަކުން ގޯނާކޮށްގެންނާއި، މިނިވަންކަން ކުޑަކޮށް ބަންދުކޮށްގެންނާއި، ބަހުގެ ހަމަލާދީ އިންޒާރު ދީގެން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން" ދޭ އަނިޔާގެ ގޮތުގަ އެވެ.
އެގާނޫނުގެ ދަށުން އާއިލާގެ މެމްބަރަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ އަނިޔާއާ ބެހޭ ޝަކުވާ އެއް ފުލުހުންނަށް ހުށަހެޅުމާ އެކު ފުލުހުން އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.
މީގެ 15 ވަރަކަށް އަހަރު ކުރިން ޖިސްމާނީ އަނިޔާ ކުރުމަކީ ޗައިނާގައި ވަރިވުމަށް އެދެވިގެންވާ ސަބަބެއް ނޫނެވެ. އެ ސިޔާސަތަށް ބަދަލު ގެނައީ 2001 ވަނަ އަހަރު އެގައުމުގެ ކައިވެންޏާ ބެހޭ ގާނޫނަށް ގެނައި ބަދަލަކުންނެވެ. އޭރު ވެސް، ގެވެށި އަނިޔާ ވަކި މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ނުވެ އެވެ.
އޯލް ޗައިނާ ވިމެންސް ފެޑެރޭޝަން އިން ހެދި ސާވޭއަކުން ދެއްކި ގޮތުގައި ޗައިނާގެ ކައިވެނިކޮށްގެންއުޅޭ ހަތަރު ބައި ކުޅަ އެއްބައި އަންހެނުންނަށް ގެވެށި އަނިޔާ ލިބެ އެވެ. ނަމަވެސް އޭގެ ތެރެއިން ރިޕޯޓު ކުރަނީ 40،000 ނުވަތަ 50،000 ވަރަކަށް މައްސަލަ އެވެ. ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 90 ޕަސެންޓް މައްސަލަތަކުގައި އަނިޔާ ލިބިފައި ވަނީ އަންހެނުންނަށް ފިރިމީހާގެ ފަރާތުންނެވެ. (އޭއެފްޕީ)