މަނީލޯންޑަރިންގެ ތުހުމަތުގައި މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ޕީޖީ އޮފީހަށް ފޮނުވިކަން އެ އޮފީހުން ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ހާމިދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅުން ހުރި މަނީލޯންޑަރިންގެ މައްސަލައެއް ކަމަށެވެ.

މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނާ ގޮތުން މަނީލޯންޑަރިންގެ ކުށެއްކޮށްފި މީހެއްގެ އަދަބަކީ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ ކުށުގެ އަމަލުހިންގުމަށް ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށް ވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.

އެ ގާނޫނުގައި ބުނެފައި ވަނީ މަނީލޯންޑަރިންގެ ކުށެއް ކުރުމަށް އުޅުމާއި ނުވަތަ އެކުށް ކުރުމަށް އެހީތެރިވެދިނުމާއި ނުވަތަ މަގުފަހިކޮށްދިނުމާއި ނުވަތަ މަގުފަހިކޮށްދިނުމަށް ހިތްވަރުދިން މީހެއްގެ އަދަބަކީ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ދެ އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ. އެ އަދަބު ނޫން ނަމަ ކުށުގެ އަމަލުހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށް ވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ދެ އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.