ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭ، ގާނޫނާ ގަވައިދާ ހިލާފުވި މައްސަލަތަކާ ގުޅިގެން 60 ކުދިންގެ މައްސަލަ ޖުވިނައިލް ޖަސްޓިސް ޔުނިޓަށް ހުށަހަޅައިފައިވާއިރު އޭގެ ތެރެއިން 75 ޕަސަންޓު ކުދިން ސްކޫލަށް ނުދާ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެފި އެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިންގަމުންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިދިޔަ މާޗް 31 ގެ ނިޔަލަށް ގާނޫނާ ގަވައިދާ ހިލާފުވެގެން 60 ކުދިންގެ މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހަޅައިފައިވާ ކަމަށާއި އޭގެ ތެރެއިން 75 ޕަސަންޓު ކުދިންނަކީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދު ކުދިން ކަމަށެވެ. އަދި އެ 60 ކުދިންގެ ތެރެއިން 75 ޕަސަންޓު ކުދިން ސްކޫލަށް ނުދާ ކަމަށް ވެސް ބުނެފައި ވެއެވެ.

"މިކުދިން ކުރި ކުށްތަކުގެ ތެރޭގައި މާރާމާރީއާއި ވައްކަމާއި މަސްތުވާތަކެތި ގެންގުޅުމާއި، ގާނޫނާއި ގަވާއިދަށް ނުކިޔަމަންތެރިވުން ފަދަ ކުށްތައް ހިމެނެ އެވެ،" އެ ނޫސްބަޔާނުގައި ވެއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނީ، އެކުދިންގެ ތެރޭގައި ހިމެނޭ 46 ޕަސަންޓު ކުދިންނަކީ ރޫޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިން ކަމަށާއި ކުށްކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި "ކުދިން ބެލެހެއްޓުމާއި ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި ކުދިންގެ ބެލެނިވެރިން ނުނެގުން" ހިމެނޭ ކަމަށެވެ.

އަދި އެކުދިން ތަރުބިއްޔަތުކޮށް ހެޔޮގޮތުގައި މުޖުތަމައުއަށް ހޭނުވުމުގެ އުސޫލުތައް ބައެއް ބެލެނިވެރިންގެ ކިބާގައި ނެތުމާއި މުޖުތަމައުގެ ނޭދޭވޭ ނުފޫޒުތަކުގެ ޝިކާރައަކަށޤ ކުޑަކުދިން ވެގެން ދިއުން ހިމެނޭ ކަމަށް ވެސް އެ ޔުނިޓުން ބުނެ އެވެ.

ކ. ފޭދޫފިނޮޅުގައި ގާއިމްކޮށްފައިވާ ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރުގައި އެކަށީގެންވާ ފަސޭހަތަށް ނެތުމަކީ މިފަދަ މައްސަލަ ތަކުގައި ޝާމިލްވާ ކުދިން އަނބުރާ މުޖުތަމައައް ގެނައުމުގައި ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެ އެވެ. އެގޮތުން އެކަހަރި ކުރަންޖެހޭ 18 އަހަރުން ދަށުގެ އަންހެން ކުދިން އެކަހެރިކޮށް، ފަރުވާދޭނެ ވަކި މަރުކަޒެއްނެތުމުގެ މައްސަލަ އެޔުނިޓުން ފާހަގަކުރެ އެވެ.

އަދި މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިއަހަރުގެތެރޭގައި، ދެ ޖިންސުގެ ކުދިން ވަކިން ބޭތިއްބޭނެ ގޮތަކަށް އެ ސެންޓަރު ފަރުމާކޮށް އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ބުނެފައި ވެއެވެ. ވެ.

ފޭދޫފޮނޮޅުގައި ހުރި ކަރެކްޝަނަލް ސެންޓަރުން މިހާތަނަށް 25 ކުއްޖަކު ސެންޓަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިކޮށް 16 ކުއްޖަކު މުޖުތަމައައް އަނބުރާ ނެރެފައި ވެއެވެ. އެކުދިން މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތް އަތޮޅުތަކުގައި ހުރި ފެމިލީ އެންޑް ޗިލްޑްރެންސް ސެންޓަރ ތަކުގެ އެހީގައި ކުރަމުންދާކަމަށް ވެސް ޖުވިނައިލް ޖަސްޓިސް ޔުނިޓުން ބުނެ އެވެ.

ކަރެކްޝަނަލް ޓްރެއިނިންގް ސެންޓަރުގެ ޕްރޮގުރާމުތައް ހިންގަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓްމަންޓް އޮފް ޖެންޑާއާއި ޔުނިސެފްއާއި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އަމިއްލަ ވިޔަފާރިވެރިންނާއި ހެޔޮއެދޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ އެހީތެރިކަން ލިބިގެންނެވެ.