29 Dec 2015, 11:01
ކޮރަޕްޝަނަށް މަގުފަހިވާގޮތަށް 17 ރަށެއް ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް ބަޔަކަށް ކުއްޔަށް ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާކަން އެ އޮފީހުގެ އޮފިޝަލަކު ވަނީ ސަން އަށް ކަށަވަރުކޮށްދެއްވާފައެވެ.
އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އިތުރު ހަތް ރަށެއް ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް ބަޔަކަށް ކުއްޔަށްދޫކުރި މައްސަލައެއް މިހާރު ޕީޖީ އޮފީހުން އަންނަނީ ދިރާސާ ކުރަމުންނެވެ.
ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މާލެއަތޮޅު ފަޅެއްގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ބަޔަކާ ހަވާލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އަދީބުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފައެވެ.
އަދި އެފަޅު ކުއްޔަށްދޫކުރުމުން ލިބުނު އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ޒިޔަތުގެ މައްޗަށް ވަނީ ޚިޔާނާތުގެ ދައުވާ އުފުލާފައެވެ.