29 Dec 2015, 10:59
އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، ހުޅަނގު ފަރާތުގައި އާޓިފިޝަލް ބީޗް ހަދާ ސަރަހައްދަށް ވަދެ އުޅުން ހައުސިން މިނިސްޓްރީން މަނާކޮށްފި އެވެ.
ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، މާލޭ ހުޅަނގު ފަރާތު ސަރަހައްދުގައި ހަދަމުންގެންދާ އާޓިފިޝަލް ބީޗުގެ މަސައްކަތް ކުރަމުންގެންދާ ސަރަހައްދުގައި ބަރުވެރިކަލްތައް ބޭނުންކޮށްގެން އުމްރާނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތް ހިނގަމުންދާ އިރު، ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ނިޝާންތައް ޖަހައި މަސައްކަތް ކުރާ ސަރަހައްދަށް ވަނުމަކީ މަނާކަމެއްކަމަށް އަންގާފައިވީ ނަމަވެސް އާންމު ފަރާތްތަކުން އެ ސަރަހައްދަށް ވަދެއުޅޭކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންކަމުން މަސައްކަތުގެ މާހައުލުން ލިބިދާނެ ގެއްލުމަކުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި އެ މަސައްކަތް ނިމެންދެން އާޓިފިޝަލްބީޗުގައި މަސައްކަތް ކުރަމުންގެންދާ ސަރަހައްދަށް އާންމު ފަރާތްތަކުން ވަދެ އުޅުމަކީ މަނާކަމެއް ކަމަށް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.