29 Dec 2015, 12:20
ޖެހި ޖެހިގެން ހަތަރު ވަނަ ފަހަރަށް އެންމެ ގިނައިން ގަވާއިދާ ހިލާފަށް ޑައުންލޯޑްކޮށްފައިވާ ނުވަތަ ޕައިރޭޓް ކޮށްފައިވާ ޓީވީ ޝޯއަކަށް އެޗްބީއޯގެ "ދަ ގޭމް އޮފް ތްރޯންސް" ވެއްޖެ އެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފެންޓަސީ ޝޯ ގޭމް އޮފް ތްރޯންސްގެ ފުރަތަމަ ސީޒަނަށް ފަހު ކޮންމެ އަހަރަކު ވެސް އެޝޯ އަންނަނީ އެންމެ ގިނައިން ފައިރޭޓް ކުރާ ޓީވީ ޝޯގެ ލިސްޓުގެ އެއްވަނައިގައި ހިމެނެމުންނެވެ.
ޓޮރެންޓް ބޭނުންކޮށްގެން އެޕިސޯޑްތައް ޑައުންލޯޑް ކުރާއިރު "ބިޓްޓޮރެންޓް" އިން ބުނެފައި ވަނީ އެ ޝޯގެ ސީޒަން ފަހެއްގެ ފިނާލޭ 14.4 މިލިއަން ފަހަރު ޑައުންލޯޑު ކޮށްފައިވާ ކަމަށެވެ.
އެ އަދަދަކީ ވަރަށް މަތީ އަދަދެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ. ސަބަބަކީ ޕައިރެސީގެ މައްސަލަތައް ހައްލު ކުރުމަށް އެޗްބީއޯ އިން ދަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ގޭމް އޮފް ތްރޯންސްގެ އެޕިސޯޑުތައް އެއް ވަގުތެއްގައި އަޅުވަމުންނެވެ.
ޕައިރޭޓްކޮށްފައިވާ ޓީވީ ޝޯތަކުގެ އަދަދު ބަލަނީ ކޮންމެ އެޕިސޯޑަަކަށް ވަކީންނެވެ. އެހެން ނަމަވެސް ހުރިހާ އެޕިސޯޑެއްގެ އަދަދެއް އެއްކޮށްލި ނަމަވެސް އެންމެ މަތީގައި ވަނީ ގޭމް އޮފް ތްރޯންސް ކަމަށް ބިޓްޓޮރެންޓް އިން ވަނީ ބުނެފަ އެވެ.
އެންމެ ގިނައިން ޕައިރޭޓް ކުރި ޝޯތަކުގެ ލިސްޓުގެ ދެވަނައިގައި އޮތީ އޭއެމްސީގެ "ޕޯސްޓް އެޕާކޮލިޕްސް" އަދި ބިރުވެރި ސީރީޒް "ދަ ވޯކިން ޑެޑް" އެވެ. އެ ޝޯގެ އެޕިސޯޑެއް ވަނީ 6.9 މިލިއަން ފަހަރު ޑައުންލޯޑްކޮށްފަ އެވެ.
ލިސްޓުގެ ތިންވަނައިގައި ހިމެނެނީ މަޝްހޫރު ކޮމެޑީ ސީރީޒް "ދަ ބިގް ބޭންގް ތިއަރީ" އެވެ. އެ ޝޯގެ އެޕިސޯޑެއް 4.4 މިލިއަން ފަހަރު ޑައުންލޯޑްކޮށްފައިވެ އެވެ.
އެންމެ ގިނައިން ޕައިރޭޓް ކޮށްފައިވާ ޝޯތަކުގެ ލިސްޓުގައި "އެރޯ" އާއި "ދަ ފްލެޝް" އާއި "މިސްޓަ ރޯބޯޓް" އާއި "ދަ ވައިކިން" އަދި "ސުޕަގާލް" ވެސް ހިމެނެ އެވެ.