29 Dec 2015, 10:46
ބަނގުރާ ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ، އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ގ. އަލިނަރު ގޭގެ އަށް ވަނަ ފަންގިފިލާގެ އެޕާޓުމަންޓެއްގައި ބަނގުރާ ވިއްކައި އަދި ބޭނުން ކުރާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންގެ ޑުރަގު އެންފޯސްމަންޓް ޑިޕާޓުމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ ދެމީހުން ހައްޔަރު ކުރުމަށް ފަހު އެ ގޭގެ އަށް ވަނަ ފަންގިފިލާގެ 08 ބީ އެޕާޓުމަންޓު ބަލައި ފާސް ކުރި އިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 16 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރި 25 އަހަރުގެ މީހާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި، މާރާމާރީ އަދި ބަދު އަހުލާގީ މައްސަލަތަކުގެ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކުރި 21 އަހަރުގެ މީހާ އަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތަކުގެ އިތުރުން ވައްކަމާއި ބަދުއަހުލާގީ މައްސަލަތަކުގެ ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
އެ މައްސަލަ ފުލުހުންގެ ޑުރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.