29 Dec 2015, 10:34
ވޮޝިންޓަން (ޑިސެމްބަރ 29): އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އެގައުމުން ރަޝިޔާއަށް 11 ޓަނުގެ ލޯއެންރިޗްޑް ޔުރޭނިއަމް އިއްޔެ ފޮނުވާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
ހުޅަނގުގެ ގައުމުތަކުން ގަބޫލު ކުރާ ގޮތުގައި އީރާނުން ޔުރޭނިއަމް އުފައްދަނީ އެޓަމް ބޮމެއް ހެދުމުގެ މަގުސަދުގައި އެވެ. އެހެންކަމުން މި އަހަރުގެ ޖުލައި މަހު އެމެރިކާ އާއި އިނގިރޭސިވިލާތާއި ޗައިނާއާއި ފްރާންސާއި ރަޝިޔާއާއި ޖަރުމަނުން އިރާނާ އެކު ހެދި ނިއުކްލިއާ އެއްބަސްވުމުގެ ބޭނުމަކީ އީރާނަށް އެޓަމް ބޮމެއް އުފެއްދުމުގެ ގާބިލުކަން ލިބިގެންނުވާ ކަން ޔަގީން ކުރުމެވެ.
އެ އެއްބަސްވުމުގެ އަމާޒަކީ އީރާނުގައި ރައްކާކޮށްފައިވާ ޔުރޭނިއަމްގެ މިންވަރު 300 ކިލޯގްރާމަށް މަދުކުރުމެވެ. އަދި އެއަމާޒަށް އީރާނުން ވާސިލު ވެއްޖެ ނަމަ އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަންއާއި ޔޫއެން އިން އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވި ގޮތުގައި އިއްޔެ އީރާނުން ބޭރުކުރި ޔޫރެނިއަމް އާ އެކު އެގަމުގެ "ބްރޭކްއައުޓް ޓައިމް" ތިން ގުނަ އިތުރުވާނެ އެވެ. ބްރޭކްއައުޓް ޓައިމްއަކީ އެއް އެޓޮމިކް ބޮމް އުފެއްދުމަށް ޓަކައި ބޭނުންވާ ނިއުކްލިއާ މެޓީރިއަލް އެއް ކުރަން ބޭނުންވާ ވަގުތެވެ. ނިއުކްލިއާ އެއްބަސްވުމުގައި ވާ މިންވަރަށް އީރާނުން ޔުރޭނިއަމް ބޭރުކުރުމުން ބްރޭކްއައުޓް ޓައިމް އެއް އަހަރަށް ލަސްކުރެވޭނެ އެވެ. (ރޮއިޓާސް)