29 Dec 2015, 10:12
ބީލަމު އުސޫލުން 28 ފަޅުރަށެއް ވަރުވާ އަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ ބިޑް ޑޮކިއުމަންޓް އިއްޔެ އިން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީން ލިބެން ހުންނާނެ ކަމަށެވެ.
އެ މިނިސްޓްރީ އިން ބުނީ މީގެ ކުރިން ވެސް ވަރުވާ އަށް ފަޅުރަށްތައް ދޫކުރުމަށް އެ މިނިސްޓްރީން ނިންމައި އެކަމަށް އިއުލާނު ކުރި ކަމަށެވެ. ނަމަވެސް ވަރުވާއަށް ދޫކުރުމަށް އިޢުލާނުކޮށްފައިވާ ފަޅުރަށްތަކުގެ ތެރެއިން ބައެއް ރަށްރަށަށް ތިން ފޯމު ހުށަހަޅާފައި ނުވާތީ އާއި އަދި ބައެއް ރަށްރަށަށް ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރިއިރު ބިޑް ކާމިޔާބުކުރެވޭ ވަރަށް ޕޮއިންޓް ލިބިފައިނުވާ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.
ފިޝަރީޒް މިނިސްޓްރީން ވަރުވާ އަށް ދޫކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނީ ރ. އަތޮޅުގެ ރަށްތަކެވެ. އެގޮތުން ވަރުވާ އަށް ދޫކުރާ 28 ރަށުގެ ތެރެއިން 26 ރަށެއް ދޫކުރާ ގޮތަށް ނިންމާފައި ވަނީ ރ. އަތޮޅުން ނެވެ. ބާކީ އޮތް ދެ ރަށް ދޫކުރާ ގޮތަށް ނިންމާފައި ވަނީ ވ. އަތޮޅުން ނެވެ.
ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ފަޅުރަށް ވަރުވާއަށް ހިފުމަށް އެދި ބިޑް ހުށަހަޅުއްވަން ވަޑައި ގަންނަވަނީ، ބިޑްގެ ވެރިފަރާތް ނޫން ފަރާތަކުން ނަމަ، ބިޑްގެ ވެރިފަރާތުގެ ބަދަލުގައި ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާނެ ބޭފުޅަކާ ބެހޭ މަޢުލޫމާތު އެނގޭނެ ލިޔުމެއް ބިޑުގެ ވެރިފަރާތް ސޮއިކޮށް ހުށަހަޅަންވާނެ ކަމަށެވެ.
ކުންފުންޏެއްގެ ފަރާތުން ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވަނީ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު ނޫން އެހެން ފަރާތަކުން ނަމަ، ކުންފުނީގެ ބަދަލުގައި ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާނެ ބޭފުޅަކާ ބެހޭ މަޢުލޫމާތު އެނގޭނެ ލިޔުމެއް ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު ސޮއިކޮށް ހުށަހަޅަންވާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
ވަރުވާ އަށް ރަށެއް އެންމެ ގިނަވެގެން ވެސް ދޫކުރާނީ 10 އަހަރަށެވެ.
ވަރުވާއަށް ރަށެއް ދޫކުރެވޭނީ ދައުލަތުގެ ބޭނުމަށް ކަނޑައަޅާފައިވާ ފަޅުރަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ހަވާލުގައި ހުންނަ ފަޅުރަށްތަކުގެ ތެރެއިން ވަރުވާއަށް ދޫކުރުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްތަކެވެ.
ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ ބިޑް ޑޮކިއުމަންޓް އިއްޔެ އިން ފެށިގެން އަންނަ މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީން ލިބެން ހުންނާނެ ކަމަށެވެ.