އިނގިރޭސި ޕްރިމިއާ ލީގްގައި އޭއެފްސީ ބޯން މައުތު 0-2 ގެ ނަތީޖާ އަކުން ބަލިކޮށް ވަގުތީ ގޮތުން ތާވަލުގެ އެއް ވަނަ އަށް އާސެނަލް އަރައިފިއެވެ.

އާސެނަލް އެއް ވަނާގައި އޮތީ ދެވަނާގައި އޮތް ލެސްޓާ ސިޓީއަށް ވުރެން އެއް މެޗު އިތުރަށް ކުޅެ 39 ޕޮއިންޓާއި އެކީގައެވެ. ލެސްޓާ ދެވަނާގައި އޮތީ 38 ޕޮއިންޓާއި އެކީގައެވެ. މިރޭ މެންޗަސްޓާ ސިޓީ އަތުން މޮޅުވެގެން އެ ޓީމަށް އަލުން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. ރޭގެ މެޗުން ބަލިވި ބޯން މައުތު އޮތީ ތާވަލުގެ 16 ވަނާގައެވެ.

އިންގްލިޝް ޕްރިމިއާ ލީގްގައި ރޭ އާސެނަލް އާ ބޯން މައުތު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ

އެންމެ ފަހުން އާސެނަލް ކުޅުނު މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ އިރު އާސެނަލް ގެ އެމަރޭޓްސް ސްޓޭޑިއަމް ގައި ރޭ ކުޅުނު އެ މެޗުގައި އެ ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

އެ މެޗުގައި އާސެނަލް އިން ޖެހި ފުރަތަމަ ގޯލް މެޗުގެ 27 ވަނަ މިނެޓްގައި މެސުތު އޮޒިލް ތަނަވަސް ކޮށްދިން ފުރުސަތަކުން ގޯލުގެ ތެރެއަށް ވައްދާލީ ގެބްރިލް ޕައުލިސްޓާ އެވެ.

އެ ނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފްގައި އާސެނަލް އިން ވަނީ އިތުރު ލަޑެއް ޖަހާ ލީޑް ފުޅާ ކޮށްފައެވެ. އެ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި އޮލިވަ ޖެރޯޑް ތަނަވަސް ކޮށްދިން ފުރުސަތަކުން އޮޒިލް ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

އިންގްލިޝް ޕްރިމިއާ ލީގްގައި ރޭ އާސެނަލް އާ ބޯން މައުތު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނީ ލީގްގައި މިދިޔަ ހޯމަދުވަހު ސައުތެމްޓަން އަތުން 0-4 ގެ ނަތީޖާ އަކުން ބަލިވި މެޗު ކުޅުންތެރިން ހަނދާން ނައްތާލައިފި ކަމަށާއި ކޮންމެ ޓީމެއް ވެސް ބަލިވުމަކީ ވާނެ ކަމެއް ކަމަށެވެ.

"އަހަރެމެން މާޔޫސް އެއް ނުވޭ އެ މެޗުން ބަލިވި ނަމަވެސް އެހެންވެ މި މެޗުން މޮޅުވެވުނީ ވެސް. ކުޅުންތެރިން ނަށް އަހަރެން ވަރަށް ބޮޑަށް ބާރު އަޅަން އަބަދުވެސް ކުރިއަށް އޮތް މެޗަށް ފޯކަސް ކުރުމަށް،" ވެންގާ ބުންޏެވެ.

އޭނާ ބުނީ ތާވަލުގެ އެއްވަނަ އަށް އެރުމުން އެ ކަމާ ނުވިސްނާ ކަމަށާއި މެޗުން މޮޅުވުމުން އެކަމާ އުފާވާ ކަމަށެވެ.