12 Apr 2011, 20:43
ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުން ބައިވެރިވާ ކުންފުނިތަކުގެ އިތުރަށް ވިޔަފާރީގެ އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ މާލީ ހާލަތާއި ބަޖެޓް ދިރާސާކުރުމަށް "ޕަބްލިކް އެންޓަޕްރައިޒަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑު"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބޯޑެއް އެކުލަވަލަވައިލައްވައި އެ ބޯޑަށް މެމްބަރުން އައްޔަންކުރައްވައިފި އެވެ.
މިބޯޑު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރީގެ އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ މާލީ ހާލަތާއި ބަޖެޓް ދިރާސާކުރުމާއި، އެތަންތަނަށް ސަރުކާރުން ދޫކޮށްފައިވާ ކެޕިޓަލަށް ވާނުވާ ގޮތް ބެލުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ހިސާބުތައް ބެލެހެއްޓޭގޮތާއި، އަހަރީ ފައިދާ ބެހުމާބެހޭ ސިޔާސަތު ކަނޑައެޅުމާއި، ފައިދާނުވާ ތަންތަނާމެދު އަޅާނެ އިސްލާޙީ ފިޔަވަޅުތައް ކަނޑައެޅުމަކީ އެ ބޯޑުގެ ޒިންމާއެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ އިސްލާޙީ ފިޔަވަޅު އެޅުމުންވެސް އެދެވޭ ނަތީޖާ ނުލިބޭ ތަންތާނގެ ތެރެއިން އިޖްތިމާއީ ބޭނުމަށް ހިންގަންޖެހޭ ތަންތަން ފިޔަވައި، އެހެން ތަންތަނާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ގޮތެއް ނިންމުމަށް ވެސް ހަވާލުކޮށްފައިވަނީ އެ ބޯޑާ އެވެ.
އެ ބޯޑުގެ ޗެއަރޕަރސަނަކަށް ހަމަޖައްސަވާފައިވަނީ، ޕޮލިޓިކަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް މުހަންމަދު ޝިހާބެވެ.
ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މިނިސްޓަރ އޮފް ހޯމްއެފެއާޒުގެ ނައިބު މުހަންމަދު މާހިރު އީސާއާއި، ސްޓެލްކޯގެ ޗެއަރމަން އަލްފާޟިލް ހަސަން ޒާހިރާއި، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގެ ޗެއާމަން އަލްއުސްތާޒް މުހަންމަދު ޝަހުދީ އަންވަރާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީއާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޝާޒްލީ ޝަފީގާއި، މޯލްޑިވްސް އެސޯސިއޭޝަން ފޮރ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ނައިބު ރައީސް އަދްނާނު ހަލީމެވެ.