29 Dec 2015, 10:00
އެކި ދުވަސްތަކުގެ މަތިން ސިހުރު ހަދަމުންދާ ކަމުގެ ތުހުމަތުގައި ގއ. ގެމަނަފުށިން 66 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނެފައި ވަނީ ގެމަނަފުށީގައި ސިހުރު ހަދަމުން ދިޔަ އަންހެންމީހާ ހައްޔަރުކޮށްފައިވާ އިރު އޭނާގެ ގެއިން ސިހުރު ހަދަން ބޭނުންކުރި ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ.
އެ އަންހެން މީހާ ސިހުރު ހަދަމުންދާ ކަމުގެ ޝަކުވާ އާއި ސިހުުރު ހަދާނެކަމަށް ބުނެ ބިރުދައްކާ ކަމުގެ ޝަކުވާ ރަށުގެ ބައެއް މީހުންގެ ފަރާތުން ފުލުހުންނަށް ވަނީ އެކި ދުވަސްމަތިން ހުށަހަޅާފައި ކަމަށް ވަނީ ބުނެފަ އެވެ.
ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި އަޕާ ސައުތު ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ އަންހެންމީހާ ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެއަންހެން މީހާގެ ހާޒިރުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރަން ހަތް ދުވަހުގެ ބަންދުގެ މުއްދަތު ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.