ޓްރިވެންޑްރަމް، (29 ޑިސެމްބަރު) -ސާފް ސުޒުކީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ކުޅުން ނިމިފައިވާއިރު މިފަހަރުގެ މުބާރާތް ފާހަގަ ކުރެވެނީ މުބާރާތުގައި ވާދަ ކުރި ހަތް ޓީމުންވެސް ޒުވާން ކުޅުންތެރިންގެ ވިދުން ގަދަ ފަހަރެއްގެ ގޮތުގައެވެ. މުބާރާތުގައި ވާދަ ކުރަން އައި ޓީމު ތަކުން ސީނިއާ ކުޅުންތެރިންގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައިވާއިރު، މި މުބާރާތުގައި ވާދަ ކުރަން އައި ހުރިހާ ޓީމަކުންވެސް ޒުވާން ކުޅުންތެރިންގެ ވިދުން ގަދައެވެ.

މިފަހަރުގެ މުބާރާތަށް ކޮންމެ ޓީމަކުންވެސް ވަނީ އާ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. އަދި ބައެއް ޓީމުތަކުން މުޅި ޓީމު އެއްކޮށް ބަދަލުކޮށް އާ ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފައެވެ.

ގުރޫޕް 'ބީ' ގައި ހިމެނޭ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަފުޣާނިސްތާން ފާހަގަ ކުރެވެނީ މުޅި ޓީމު އެކުގައި ޒުވާން ކުޅުންތެރިންގެ ސްކޮޑެކެވެ. މުބާރާތުގެ އެންމެ ހީނަރުކޮށް ދިޔަ ބޫޓާންގައިވެސް ގިނައީ ޒުވާން ކުޅުންތެރުންވެ. ބޫޓާންގެ ކޯޗް ޕެމާ ޑޯޖީ އޭނާގެ ޓީމުގައި ގިނައިން ހިމަނާފައިވަނީ ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންނެވެ.

މުބާރާތުގައި އެޓީމަށް ނާކާމިޔާބު ކުރިމަތިވި ނަމަވެސް އެޓީމުގެ ޒުވާން ކުޅުންތެރީންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ. ޒުވާން ކުޅުންތެރިންގެ ކުޅުމާ ބެހޭގޮތުންކޯޗް ޑޯޖީއާ ސުވާލު ކުރުމުން އޭނާ ބުނީ ކައިރިކައިރި މެޗްތައް ކުޅެން ޖެހުމުން ޒުވާން ކުޅުންތެރިންނަށް ގޮންޖެހުންތަކާ ކުރިމަތިވެގެން ދިޔަކަމަށާއި ނަަމަވެސް ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ.

ބޫޓާންގެ އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ އެގައުމުގެ މީޑިއާއިން ސިފަކުރާ "ބޫޓާންގެ ރޮނާލްޑޯ" ގޮތުގައި މަޝްހޫރުވެފައިވާ ޗެންޗޯގައިލްސްޓަންއެވެ. ފުރަތަމަ ދެ މެޗުގައި އޭނާގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އުމުރުން 19 އަހަރުގެ ޗެންޗޯއަކީ ކުރިމަގުގައި ސާފް ސަރަހައްދުގައި ވިދާލާނެ ކުޅުންތެރިޔެކެވެ.

ކޮރަޕްޝަނާއި މެޗްފިކްސިންގެ ސަބަބުން ފުޓްބޯޅަ ވަޅު ޖެހިގެން ދިޔަ، ސަރަހައްދުގެ ކުރީގެ ފުޓްބޯޅައިގެ ބާރެއްކަމަށްވާ ޝްރީލަންކާއިންވެސް މިފަހަރުގެ މުބާރާތަށް އައީ ޒުވާން ކުޅުންތެރިންގެ ސްކޮޑަކާއެކުއެވެ. އެޓީމުގައި އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ އުމުރުން 19 އަހަރުގެ ޒޮހޫރު މުހައްމަދު ޒަރުވާންއެވެ. އޭނާއަކީ މިޑްފީލްޑަށް ކުޅެމުން އެޓޭކް ކުރާ ކުޅުންތެރިޔެކެވެ. ސާފް ސުޒުކީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގައިވެސް އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވެއެވެ.

ބަނގްލަދޭޝް މުބާރާތަށް އައީ މުޅި ޓީމު ޒުވާން ޓީމެއްގެ ގޮތުގައެވެ. ސީނިއާ ކުޅުންތެރީން މުޅިން ދޫކޮށްލުމަށްފަހު ޒުވާން ކުޅުންތެރިންނަށް ފުރުސަތުދިން ހަތަރު ޓީމުގެ ތެރޭގައި ބަނގުލަދޭޝް ހިމެނެއެވެ.

އިންޑިއާގެ ފުޓްބޯޅައިގެ ތާރީޚުގައި އިންޑިއާގެ ގައުމީޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ. އަދި ސާފް ޗެމްޕިއަންޝިޕްގައި އެޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިއާ ޗަންޓޭ ލަލިއަންޒޯލާ -- ސަން ފޮޓޯ: ޙުސައިން ސިނާން، އިމޭޖަސް.އެމްވީ

ދެން މިލިސްޓްގައި ފާހަގަ ކުރެވެނީ ރާއްޖެއާއި އިންޑިއާ އަދި ނޭޕާލެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި މިތިން ޓީމުގެ ކޯޗުންގެ ވާހަކަތައްވެސް ހުރީ އެއްގޮތަކަށެވެ. އެއީ ކުރިމަގުގައި އެގައުމުގެ ފުޓްބޯޅަ ބިނާ ކުރުމަށެވެ. "މިމަޝްރޫއުގެ ދަށުން" ރާއްޖެއާއި ނޭޕާލުގެ އިތުރުން އަދި އިންޑިއާއިންވެސް ވަނީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ސްކޮޑުން ފުރުސަތު ދީފައެވެ.

މިވާހަކަ އެންމެ ގިނައިން ދައްކާ އެއް ކޯޗަކަށް ރާއްޖޭގެ ކޯޗް ރިކީ ހާބަޓް ވެގެންދާނެއެވެ. އަދި އެކަން އަމަލީގޮތުން އެންމެ ބޮޑަށް ސާބިތު ކޮށްދެނީވެސް ހާބަޓެވެ.

ބައެއް ކޯޗުން ޕްރެޝާ ކުޑަ މެޗްތަކުގައި ނުވަތަ ބޮޑެތި މެޗްތަކުގައިވެސް ޕްރެޝާ ކޮންޓްރޯލް ކުރެވިފައި އޮންނަ ވަގުތުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިން ނަމަވެސް ރާއްޖޭގެ ކޯޗް ރިކީ ހާބަޓް، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައިވަނީ ޕްރެޝާ މެޗްުތަކުގައެވެ.

އެގޮތުން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަފުޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗަކީ ގުރޫޕް ސްޓޭޖުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ޕްރެޝަރު މެޗެވެ. އެމެޗުގައި ކޯޗް ނެރުނީ މުޅިން ޒުވާން ސްކޮޑެކެވެ.

މިމުބާރާތުގެ ތެރޭގައިވެސް އަދި މުބާރާތަށް ތައްޔާރުވުމުގެ ކުރިންވެސް ގައުމީ ކޯޗް ތަކުރާރުކޮށް ދައްކާ އެއް ވާހަކައަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ ތަޖުރިބާ ހޯދައި ދިނުމުގެ ވާހަކައެވެ.

އަދި ކޯޗްގެ ފިލޯސަފީއަކި ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ލިބޭނީ ޕްރެޝާ މެޗްތަކުގައި ކުޅެން ފުރުސަތު ދިނުމުންނެވެ.

ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ތެރެއިން ގައުމީ ސްކޮޑުން ކޯޗް ފުރުސަތު ދިން ފާހަގަ ކުރެވޭ ކުޅުންތެރިންގެ ތެރޭގައި ހަސަން ނާއިޒު އާއި އަލީ ސަމޫހު ހިމެނެއެވެ.

އިންޑިއާއިން އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ ޗެންޓޯ ލަލިއަންޒޯލާއެވެ. އޭނާ ވަނީ މި މުބާރާތުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރައި ތަފާތު ދައްކައިދީފައެވެ. އުމުރުން 18 އަހަރުގެ ޒޯލާއަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚްގައި ކުޅުނު އިންޑިއާގެ އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އަދި އޭނާ އަކީ އިންޑިއާގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ދެން ހުރީ ނޭޕާލުގެ ބިމާލު ނަގަރެވެ. ދެހާސް ތޭރަ ވަނަ އަހަރު ނޭޕާލުގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު އިރު އޭނާގެ އުމުރުން 15 އަހަރެވެ. އަދި އޭނާއަކީ ސާފްޗެމްޕިއަންޝިޕްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އަދި މުބާރާތުގެ ތާރީޚްގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާވެސްމެއެވެ. ބިމާލުއާ މެދު ނޭޕާލުން ކުރާ އުންމީދަކީ އޭނާއަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްވުމެވެ. އޭނާގެ ކިބައިގައި އެ ހުނަރު އެބަހުއްޓެވެ.

މުބާރާތުން ފެނުނު ޒުވާން ކުޅުންތެރިންނާއެކު ކުރިމަގުގެ ސާފްޗެމްޕިއަންޝިޕްގެ މުބާރާތް ވެގެންދާނީ ކުޅުންތެރިންގެ ގޮތުން ވަރުގަދަ މުބާރާތަކަށެވެ. އެހެންވެއްޖެނަމަ ސަރަހައްދުގެ ފުޓްބޯޅަ ފޯރި ގަދަ ވެގެންދާނެއެވެ.