ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގު، ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކައަކީ އެންމެން ވެސް ދަންނަ ބޮޑު ސިއްރެކެވެ.

އެހެންނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އެދެތަރިން އެކަން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ. އަދި ދޮގު ކޮށްފައެއްވެސް ނުވެ އެވެ.

ދީޕިކާ އާއި ރަންވީރު އެމީހުންގެ ގުޅުން ކަށަވަރުކޮށްދީފައި ނުވިނަމަވެސް، ހަބަރުތައް ބުނާ ގޮތުން އެ ދެތަރިން ވަނީ އަންނަ ފެބުރުއަރީ މަހު އެންގޭޖު ކުރަން ނިންމައިފަ އެވެ.

އެދެތަރިން އެންގޭޖު ކުރަން ނިންމީ، ދެ ފަރާތުގެ އާއިލާ ވެސް އެ ގުޅުމަށް ރުހި ގަބޫލު ވުމުން ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ހަބަރުތައް ބުނާ ގޮތުން، ދީޕިކާ އާއި ރަންވީރު، ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން ރަސްމީކޮށް އެއްވެސް ފަރާތަކަށް އަންގާފައި ނުވަނީ، އެދެތަރިންގެ އާއިލާ އެކަމާ މެދު ދެކޭ ގޮތް ބެލުމަށް ޓަކައެވެ.

ދީޕިކާ އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު އާ އެވެ.