29 Dec 2015, 09:33
ރިޔާޒް (ޑިސެމްބަރު 29) : އަންނަ އަހަރަށް ސައޫދީ އަރަބިޔާއިން ކަނޑައެޅި ބަޖެޓްގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާ ކުރިމަތިލުމަށް 183 ބިލިޔަން ރިޔާލް އެކަށައަޅައިފި އެވެ.
އަންނަ އަހަރުގެ ސައޫދީ އަރަބިޔާގެ ބަޖެޓަކީ 860 ބިލިޔަން ރިޔާލް (ގާތްނގަޑަކަށް 229 ބިލިޔަން އެމެރިކާ ޑޮލަރު) އެވެ. ނަމަވެސް އާމްދަނީގެ ގޮތުގައި އެގައުމަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 514 ބިލިޔަން ރިޔާލް (137) ބިލިޔަން އެމެރިކާ ޑޮލަރު) އެވެ. މިއީ މި ހިނގާ 2015 ވަނަ އަހަރުގެ ބަޖެޓަށް ވުރެ 326 ބިލިޔަން ރިޔާލް މަދު ބަޖެޓެކެވެ.
ބަޖެޓް ކުޑަކުރުމުގެ ސަބަބުން ކުރިމަތިވެދާނެ މާލީ ދަތިތަކާ ކުރިމަތިލުމަށް ޓަކައި ސައޫދީ މާލީވުޒާރާ އިން ވަނީ އެހެން ގޮތްގޮތުން އާމްދަނީ ހޯދުމުގެ ވަރަށް ގިނަ ޕްލޭންތަކެއް އެކުލަވާލާފަ އެވެ. މީގެ ތެރޭގައި ސިނާއަތާއި ދަނޑުވެރިކަން ތަރައްގީ ކުރުމާއި އެގައުމުގައިވާ ތަފާތު މައުދަންތައް ނަގާމިންވަރު އިތުރުކޮށް އެތަކެތި މިހާރަށް ވުރެ ބޮޑަށް އެކްސްޕޯޓް ކުރުމާއި ވިޔަފާރީގެ މުއާމަލާތައް ފުޅާކުރުން ހިމެނެ އެވެ.
އަންނަ އަހަރުގެ ސައޫދީ ބަޖެޓްގައި އެންމެ ގިނަ ފައިސާ ކަނޑައަޅާފައި ވަނީ އަސްކަރީ އަދި ސަލާމަތީ ކަންކަމަށެވެ. މިއީ ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައޫދީ އަރަބިޔާ އަސްކަރީގޮތުން ސީދާގޮތެއްގައި ވަނުމާއި ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ނުސީދާ ގޮތެއްގައި ވަނުމުގެ ސަބަބުން އެގައުމު އުފުލަންޖެހިފައިވާ އަސްކަރީ ޒިންމާތަކާގުޅިގެން ކުރިމަތިވި މާލީ ބުރަތަކެކެވެ. ޔަމަންގެ ހަނގުރާމައިގެ ތެރެއަށް އަސްކަރީގޮތުން ސީދާގޮތެއްގައި ވަދެގަތުމުގެ ސަބަބުން ސައޫދީ އަރަބިޔާގެ މާލިއްޔަތަށް ކުރިޔަށްއޮތް ދެތިން އަހަރު ތެރޭގައި ހީނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބޭނެކަމަށާއި މިކަމުގެ ސަބަބުންނާއި ތެލުގެ އަގު ދަށްވުމުގެ ސަބަބުން ސައޫދީ އަރަބިޔާ މާލީ ގޮތުން ވަރަށް ދަތި ހާލަތަކަށް ހިނގައިދާނެކަމަށް އިގްތިސާދީ ރިޕޯޓްތަކުގައި ތަޖްރިބާކާރުން ލަފާކުރައްވާފައިވެ އެވެ.
ސައޫދީ އަރަބިޔާއަކީ މުއްސަނދި އަދި ޚަރަދުވެސް ބޮޑު ދިރިއުޅުމެއް އުޅޭ ގައުމެކެވެ. ސައޫދީ ސަރުކާރުގެ އިތުރުން ރައްޔިތުންގެ ގިނަބަޔަކީވެސް އިސްރާފް ބޮޑު ދިރިއުޅުމެއް އުޅޭބަޔެއެކެވެ. އެހެންކަމުން ތެލުގެ އާމްދަނީ ދަށަށްގޮސް ޔަމަނުގެ ހަނގުރާމައަށް ކުރަންޖެހޭ ޚަރަދުތަކުގެ ސަބަބުން މާލީ ގޮތުން ގައުމު ޑްރެއިން ވާނަމަ ސައޫދީގައި ހަމަނުޖެހުންތައް އުފެދުމުގެ ފުރްސަތަކީ ވެސް އޮތް ފުރްސަތެއްކަމަށް މުޙައްލިލުން ދެކެއެވެ.
މިއަހަރާއި މިދިޔަ އަހަރަކީވެސް ތެލުގެ އާމްދަނީ ދަށަށް ދިޔުމުގެ ސަބަބުން ސައޫދީ އަށް މާލީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހުނު ދެއަހަރެވެ. ނަމަވެސް މިކަން އެގައުމުން ފޫބައްދާފައިވަނީ ކުރިން ޖަމާކޮށްފައިވާ އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ރިޒާވް ފައިސާއިން ބައެއް ނަގައިގެންނެވެ. މިގޮތުން މިއަހަރު އެކަނި ވެސް ރިޒާވް ފައިސާއިން 45 ބިލިޔަން އެމެރިކާ ޑޮލަރު ސައޫދީ ސަރުކާރުން ނަގާފައިވާކަމަށް މާލީ އިގްތިސާދީ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ސައޫދީ ސަރުކާރުން ރަސްމީސިފައެއްގައި މިކަން ހާމަކޮށްފައެއް ނުވެ އެވެ.
އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމަށް ސައޫދީ ވަޒީރުންގެ މަޖިލީހުގައި ބޭއްވި ޚާއްސަ ޖަލްސާގައި އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވިދާޅުވީ ތެލުގެ އަގުދަށްވުމުގެ ސަބަބުން ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް ސައޫދީ އިގްތިސާދަކީ އެކަމާކުރިމަތިލެވޭވަރުގެ ވަރުގަދަ އިގްތިސާދެއް ކަމުގައެވެ. ނަމަވެސް ސައޫދީ އަރަބިޔާއަށް ލިބޭ އާމްދަނީގެ 85 އިންސައްތައަކީ ތެލާއި ތެލުން އުފައްދާ ޕެޓްރޯކެމިކަލްގެ ބާވަތްތަކެވެ. (ނޫސްއެޖެންސީތައް)