ޓްރިވެންޑްރަމް، އިންޑިއާ، (28 ޑިސެމްބަރު) -ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުން އަފްޣާނިސްތާން އަތުން ރާއްޖެ ބަލިވީ ނަސީބުދެރަކަމުން ކަމަށާއި، މިހާރު ހުރިހާ ކުޅުންތެރީންގެ ވެސް 'ފޯކަސް ހުރީ' ސެމީ ފައިނަލްގައި އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ކަމަށް ގައުމީ ޓިމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ހޯމަ ދުވަހު ހަވީރު ރާއްޖެއާއި އަފްޣާން ވާދަކުރި މެޗުން އަފްޣާން ވަނީ 4-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ. މިއީ އަފްޣާން އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ގޮސްފައި ވުމާއެކު ކޯޗް ރިކީ ހާބަޓް ވަނީ، އަފްޣާން މެޗަށް ޓީމުގައި ތިބި ޒުވާން ގިނަ ކުޅުންތެރީންނަށް ފުރުސަތު ދީފައެވެ. އެގޮތުން މެޗުގެ ފުރަތަމަ 11ގައި ދަގަނޑޭ ވެސް ހިމަނާފައި ނުވާއިރު، އަފްޣާނުން ރާއްޖޭ ކޮޅަށް ޖެހި 4 ލަނޑުގެ ތެރޭން 3 ލަނޑު ޖަހާފައި ވަނީ، މެޗުގެ 75 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަގަނޑޭ ކުޅެން ނުކުތުމުގެ ކުރީންނެވެ.

"މިއަދުގެ މެޗުން ބަލިވީ ނަސީބު ދެރަކަމުން. ޓީމުން ވަރަށް ރަނގަޅަށް މަސައްކަތްކުރި. މިހާރު ހުރިހާ ކުޅުންތެރީންގެ ފޯކަސް ހުރީ ސެމީފައިނަލްގައި އިންޑިއާއާ ދެކޮޅަށް ކުޅޭމެޗަށް،" ކެޕްޓަން އަޝްފާގު ބުންޏެވެ.

އެ މެޗާބެހޭގޮތުން ވާހަކަދައްކަމުން ގައުމީ ކޯޗް ރިކީ ހާބަޓް ބުނީ، އޭނާގެ ވިސްނުން ހުރީ، ވަރުގަދަ ޒުވާން ޓީމެއް ބިނާކުރުން ކަމަށާއި "އެހެންވެ ޕްރޮފެޝަނަލް ވަރުގަދަ މެޗްތަކުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދޭން ޖެހޭ. އެއީ ރާއްޖޭގެ ކުރިމަގުގެ ފުޓްބޯޅައަށްޓަކައި މުހިންމު މަސައްކަތެއް،" ކަމަށެވެ.

އެ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަގަނޑޭ އެރުވުމާ ބެހޭގޮތުން ކޯޗް ބުނީ، ދަގަނޑޭއަށް ރެސްޓް ދިނީ ސެމީ ފައިނަލް މެޗަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

ރާއްޖެއާ އިންޑިއާ ކުޅޭ ސެމީފައިނަލް މެޗް އޮންނާނީ މިއަންނަ ބުރާސް ފަތި ދުވަހު ރާއްޖޭ ގަޑިން 3:00ގައެވެ.